ދިޔާނާ ސައީދު

ބޮޑު ހިޔާނާތުގައި ޝާމިލް ނުވާ ވެރިޔަކު ނެތް: ދިޔާނާ

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރި ނުވާ ވެރިޔަކު ނެތްކަމަށް، ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސްދައުރެއް އަދާކުރައްވާފައިވާކަަމަށް ތުހުމަތުކުރާ ކުރީގެ ނާއިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލްޣަފޫރު ގޭގައި ހުރިކަން ފާހަގަ ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަދީބު ގެއަށް ބަދަލު ކުރީވެސް، އަދީބު ބެއްސެވި ކަޅު ފައިސާ "ތިބޭފުޅުންގެ އަތްޕުޅާއި، ދަތްޕުޅުގައި ހޭކިފަހުރި މިންވަރުގެ ބޮޑުކަމުން،" ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ފަނޑިޔާރުން ވަކިކުރަން ފައިސާ ދިނީ އަދީބު ކަމަށާއި، އިރުއިރުކޮޅާ ހިޔާނާތޭ ކިޔަމުންދާއިރު،" ތިޔަ ހިޔާނާތުގައި ޝާމިލް ނުވާ ވެރިއެއް ތިތާކު ނެތް،" ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިއަދު މިހެން ވިދާޅުވެފައިވާއިރު، މަނީލޯންޑަރިންގެ މައްސަލައިގައި މިހާރުވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލަކަށް، ދިޔާނާ ހަމަޖައްސަވައިފިކަމަށް، އޭނާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދައުވާ އަކާއި ރިޝްވަތުގެ ދައުވާއެއް މިހާރު ވަނީ އުފުލައިފައެވެ.

އެ ދައުވާގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ދިރާސާ ކުރުމަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތު ދިނުމަށާއި ލިޔެކިޔުންތައް ހޯދުމަށް ފުރުސަތު ދިނުމަށްފަހު އެދުވަހުގެ އަޑުއެހުން ވަނީ ނިންމާލައިފައެވެ.