ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 15:30ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގޮތުން، ހުށަހަޅާ އީއައިސީގައި އެކުންފުންޏެއްގެ ތައާރަފާއި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަރަދުވާނެ އަދަދާއި ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ރިއާޔަތްކުރުމަށް ފަހު، ބޭނުންވާނެ ބިމުގެ ބޮޑުމިނާއި ބޭނުންކުރާނެ ބިޒްނަޒް މޮޑެލްއާއި އެކުންފުންޏެއްގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާނާއި އެކުންފުންޏެއްގެ ގާބިލިއްޔަތުކަން ދައްކުވައިދޭ ލިޔެކިޔުންތަކުގެ އިތުރުން މަސައްކަތް ނިންމައިލެވޭނެ ކަމަށް ލަފާކުރާ ތާރީހު ބަޔާން ކުރަންވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއް ގާއިމުކުރުމުގެ އިތުރުން، ޓޫރިޒަމް އައިލެންޑަކާއި ހެރިޓޭޖް އައިލެންޑަކާއި އައިޓީ ޕާކަކާއި ކޮމާޝަލް ސްޕައިންއަކާއި ނޮލެޖް ޕާކަކާއި ޕްރިމިއަމް ވިލާސްއާއި ސިޓީ ހޮޓަލެއް އަދި ޝޮޕިން މޯލްތައްވެސް ގާއިމުކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ވަނީ މީހުން އާބާދުވާން ފަށައިފައެވެ. ނަމަވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ގިނަ ބަޔަކު އާބާދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.