ސަރުކާރުގެ ފްލެޓުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދެން އިތުރު މުހުލަތު ދޭން ނިންމައިފިއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން ވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން މާލެ އާއި ހުޅުމާލެ އަދި އަތޮޅުތަކުގައި ދޫކޮށްފައި ހުރި ފުލެޓުތަކުގެ ކުލި މާޗު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފަސްކޮށްދީފައެވެ. އަދި އޭގެ ފަހުން ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ކުލިވެސް ފަސްކޮށްދޭން ނިންމިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ ކޮވިޑާ ގުޅިގެން ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ކުލި ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 15 އޮކްޓޯބަރުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވުމަށްފަހުވެސް ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅުމުން ގެންދާތީ މި ތިން މަހުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު މި މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކުލި ފަސްކުރާ މުއްދަތުގައި މެއިންޓެނެންސް ފީ ދައްކަން ޖެހޭނެ ކަމަށާއި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެ ކަމަށެވެ.
ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރުގެ ނިޔަލަށް އައިޑީކާޑުގެ ކޮޕީ އާއި ގުޅޭނެ ފޯނު ނަންބަރު އަދި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. އަދި ކުލި ފަސްކުރުމަށް ކުރިން މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުން އަލުން ކުލި ފަސްކޮށްދިނުމަށް އެދެން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު