މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން 3350 ހައުސިން ޔުނިޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރަމުންގެންދާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެތަނުން އެއް ކޮންޓްރެކްޓްކާއެކު ސޮއިކުރުމަށްފަހު މިމަހު ސައިޓް ވަކިކޮށް، 1000 ހައުސިން ޔުނިޓްގެ ބިންގާ އެޅިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެމްއޯޔޫއެއްގެ ދަށުން ކޮންޓްރެކްޓުގައި ސޮއިކުރުމުގެ މަރުހަލާގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަ 1000 ޔުނިޓުގެ ދެ ކޮންޓްރެކްޓް އެބައޮތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެޗްޑީސީން އިއުލާންކޮށްގެން ރާއްޖޭގެ ކުދި ކުންފުނިތަކަށް ހުޅުވާޅައިގެން ކުރިއަށްގެންދާ 350 ޔުނިޓުގެ މަސައްކަތްތަކެއްވެސް އެބައޮތް ކަމަށެވެ. ތިން ޕެކޭޖެއްގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ އެއް ޕެކޭޖުގެ އެވޯޑު ސިޓީ އަންނަ ހަފުތާގައި ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކުރިންވެސް ކުރިއަށްގެންދާ މަސައްކަތްތަކެއްގެ ގޮތުގައި 1340 ފުލެޓެއްގެ މަސައްކަތް ޗައިނާގެ ކުންފުންނަކާ ހަވާލުކޮށްގެން މިހާރުވެސް ކުރިއަށްގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މާލޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް، ކުރިއަށް އޮތްތަނުގައި ގުޅިފަޅުން ގޯތި ދޫކުރުންވެސް ކުރިއަށްދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު