ތޫފާން "ބުރެވި"ގެ ބާރު ގަދަވެ މިއަދު ރާއްޖެއަށް ވެސް އަސަރުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ، މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ.

މެޓުން ބުނީ މި ތޫފާން މިއަދުގެ ވަގުތެއްގައި ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާ ކަނޑުގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ތޫފާނުގެ ބާރުގަދަވެފައިވާއިރު މިއަދު ހަވީރު ނުވަތަ މިރޭގެ ވަގުތެއްގައި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ ތޫފާން "ބުރެވި"ގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް ބުނެފަ އެވެ.

މެޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ތޫފާނުގެ މައުލޫމާތު އެ އޮފީހުން އިތުރަށް ދެމުން ގެންދާނެ އެވެ.