މިޓްސްބްޝީ އޭޝިއަން ޗިލްޑްރެންސް އެނިކީ ފެސްޓާ 2019-2020ގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ގްރޯން ޕްރީ"، ދިވެހި ދަރިވަރަކު ހާސިލުކޮށްފިއެވެ.
އެ އެވޯޑު ހާސިލުކޮށްފައިވަނީ އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ އިބާ އާމިރު އަބްދުﷲ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ އިބާއަށް އެވޯޑް ހަވާލުކޮށްދެއްވައި، މަރުހަބާ ވިދާޅުވެފައެވެ.
ގްރޯން ޕްރީ އެވޯޑް އެހެން އަހަރުތަކުގައި ހަވާލުކުރަނީ ޖަޕާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. އެހެންނަމަވެސް ކޮވިޑް 19ގެ މި ހާލަތުގެ ސަބަބުން މިއަހަރު މި އެވޯޑް ހާސިލުކުރި ދަރިވަރުންނަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް ޔުނެސްކޯ- ޖަޕާނުން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި އޭޝިއާގެ 24 ގައުމުން ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމަކުންވެސް އެއް ގްރޯން ޕްރީ، ތިން ޔުނެސްކޯ އެވޯޑް އަދި ހަތަރު އެކްސްލެންސް އެވޯޑު ލިބޭ ދަރިވަރުން ކަނޑައަޅަނީ އިންޓަނޭޝަނަލް ސްކްރީނިންގައެވެ.
- އިބާ އާމިރު އަބްދުﷲ - އަރަބިއްޔާ ސްކޫލް
- އައިޝަތު މިޝީލް ބިންތް އިބްރާހިމް - މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
- ފާތިމަތު ލައިޝާ މުހައްމަދު - ވަށަފަރު ސްކޫލް
- އިބްރާހިމް ޔޫސަމް ސާމިއު - މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
- ޒެއިނާ އަމްޒަތު އަހުމަދު – ހުރަވީ ސްކޫލް
- އަބާން އާމިރު އަބްދުﷲ - މަޖީދިއްޔާ ސްކޫލް
- އައިޝަތު ދާނާ އިޔާޒް - މަޖީދިއްޔާ ސްކޫލް
- އައިމިނަތު ލައިބާ އިހުސާން - މުހައްމަދު ޖަމާލުއްދީން ސްކޫލް / ފުވައްމުލައް ސިޓީ
އުމުރުން 6 އާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައި ދަރިވަރުން ހުށަހަޅަން ޖެހެނީ ދަރިވަރުންގެ ދިރުއުޅުން ދައްކުވައިދޭ ފަސް ޑައިރީ ނުވަތަ ކުރެހުމެވެ. ގްރޯން ޕްރީ އެވޯޑު ހާސިލުކުރި ދަރިވަރު ހުށަހެޅީ އިބާ އެންމެ ގަޔާވެގެން ކުރާ ކަންކަމެވެ. އޭގެ ތެރޭގައި މޫދަށް ދިއުމާއި، ކޮތަރަށް ކާންދިނުމާއި، އީދު ނަމާދަށް ދިއުމާއި، ޓިއުޝަނަށް ދިއުން ފަދަ ކޮންމެ ދުވަހަކުވެސް އިބާ ޝައުގުވެރިކަމާއެކު ކުރާ ކަންކަން ހިމެނެއެވެ.
މި ޕްރޮގްރާމުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުން 500 ދަރިވަރުން ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު