މީހުން ޓްރެފިކް ކުރުމަށް ބޭނުންކުރާ މުދަލާއި ފައިސާގެ އިތުރުން މީހުން ޓްރެފިކްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލު ބަލައި ގަންނަން ބޭނުންވަނީ 30 މެންބަރުންގެ ވޯޓެވެ. ބިލު މަޖިލީހަށް ބަލައިގަތުމުން، ބިލު އިތުރަށް ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.
މީހުން ޓްރެފިކް ކުރުމަށް ބޭނުންކުރާ މުދަލާއި، ފައިސާގެ އިތުރުން، މީހުން ޓްރެފިކްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ، މި އިސްލާހެއް ހުށަހެޅުއްވުމުގެ މަގުސަދަކީ، ތިންކަމެއް ހާސިލްކުރެއްވުން ކަމަށެވެ.
އެ ކަންކަމުގެ ތެރޭގައި ހިމެނެނީ ހިއުމަން ޓްރެފިކިން ގައި އަންހެނުންނާއި ކުޑަކުދިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ހިއުމަން ޓްރެކިންގެ ޒަރީއާއިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭނެ ގޮތް ހަދައިދިނުމުގެ އިތުރުން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ނަގައިދޭނެ ގޮތް ކަނޑައެޅުން ކަމަށް ޖީހާން ވިދާޅުވިއެވެ.
އޭގެ އިތުރުން ބޭރުގެ މުއާހަދާތަކަށް އެކަންތައްތައް ފެއްތުންވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމަށް ޖީހާން ވިދާޅުވިއެވެ.
މި ބިލުގައިވާ ގޮތުން ކުޑަކުދިން ޓްރެފިކު ކުރާ މީހެއްގެ އަދަބަކީ، 15 އަހަރަށް ޖަލަށް ލުމެވެ.
އޭގެ އިތުރުން ޓްރެފިކު ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.