ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) 10 އަހަރަށްފަހު ކްލަބު ވެލެންސިއާއާ ގުޅިއްޖެއެވެ.

ސެންޓޭ ވެލެންސިއާ ގުޅުނުކަން ކްލަބުން އިއުލާން ކޮށްފައިވާއިރު، ރޭ ވެލެންސިއާއިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ކްލަބުގެ ޖާޒީގައި ދައްކާލައިފައެވެ.

ފުޓުބޯޅައިގެ ރަށެއް ކަމަށްވާ، ބ. އޭދަފުއްޓަށް އުފަން ސެންޓޭ މީގެ ކުރިން ވެލެންސިއާއަށް ކުޅެފައި ވަނީ 2010 ވަނަ އަހަރުއެވެ. ވެލެންސިއާއަށް ބަދަލުވުމުގެ ކުރިން އޯލް ޔޫތު ލިންކޭޖާއި ކްލަބު އީގަލްސްއަށް ސެންޓޭ ކުޅުނު ނަމަވެސް، އޭނާ ދިވެހި ފުޓުބޯޅައަށް ތައާރަފުވި ސީޒަންއަކަށް ވެފައި ވަނީ ވެލެންސިއާއަށް ކުޅުނު ސީޒަނެވެ.

ވެލެންސިއާގެ މެޗުތަކުން ފުރުސަތު ލިބި، ސެންޓޭގެ ފުރަތަމަ ސީޒަންގައިވެސް އޭނާގެ ހުނަރު ދައްކާލާފައިވާއިރު، 2011 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސެންޓޭ ގެންދިޔައެވެ. އެ ސީޒަނަކީ ސެންޓޭ ދިވެހި ފުޓުބޯޅައަށް ވިދުން ގަދަވި ސީޒަނެވެ. 23 މެޗުން 18 ގޯލް ޖަހައި، ސީޒަން ނިންމާލީ ދެވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އެއް އަހަރު ނިއުއަށް ކުޅުމަށްފަހު ސެންޓޭ ބަދަލުވީ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. އެ ކްލަބާއެކު ހޭދަކުރި ސީޒަނުގައި ބޮޑު އަނިޔާއެއް ވެ ސެންޓޭއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

އޭގެ ފަހުން އަނެއްކާވެސް ދެފަހަރަކަށް ނިއުއަށް ސެންޓޭ ކުޅެފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު އެއް ސީޒަނެއްގެ ހުރިހާ ތަށްޓެއް، 100 ޕަސެންޓްގެ މޮޅާއެކު ކާމިޔާބު ކޮށްފައެވެ. ނިއުގެ ތާރީހު ދުށް އެންމެ ކާމިޔާބު ދުވަސްތަކުގައި ސެންޓޭގެ ހިއްސާ ބޮޑެވެ.

ސެންޓޭ އެންމެފަހުން ކްލަބު އީގަލްސްއަށް ކުޅެފައިވާއިރު، އޭގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބުގެ ޖާޒީގައިވެސް ފެނިފައި ވެއެވެ. ސެންޓޭއަކީ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. މިހާރު އުމުރުން 32 އަހަރުގެ ސެންޓޭ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާއިރު، 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް ސެންޓޭ ވަނީ ހިމެނިފައެވެ. އެ މުބާރާތުގައި ފައިނަލްގައި އިންޑިއާ ކޮޅަށް ދެވަނަ ގޯލް ޖެހީވެސް ސެންޓޭއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ކްލަބް ވެލެންސިއާ އިން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން އަންނަނީ ވަރުގަދަ ޓްރާންސްފާތަކެއް ކުރަމުންނެވެ. މިހާތަނަށް އެ ކްލަބާ ގުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)އާއި ދަގަނޑޭ ހިމެނޭ އިރު، ދެން ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ އެކި ލެވެލްތަކުގައި ތަމްރީނު ހަދައި، ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅޭ ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެއެވެ.

ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.