ބައިނަލް އަގުވާމީ މަޝްރަހުގައި ރާއްޖެއިން މަސައްކަތް ކޮށްގެން، "ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ" (ސީޑީއާރުއައި) މުއާހަދާ ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މަޖިލިސް ރައީސް މިކަމަށް އެދިވަޑައިގެންނެވީ، އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ "އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާންވީ އެކަންޏެއްނޫން މި މުއާހަދާ ބަދަލުކުރަންވީ، މުއާހަދާ އޮތީ ގޯސްކޮށް،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއިން އެކަމުގައި ލީޑަޝިޕެއް ނަގައިގެން ނަމަވެސް އެކަން އޮންނަންވީ ގޮތް ދުނިޔެއަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

މޫސުމަށް ބަދަލު އައިސްގެން އުމްރާނީ ވަސީލަތްތަކަށް ގެއްލުން ނުވާގޮތަށް ކަންކަން ކުރެވޭނީ ކިހިނެއްތޯ އާއި ރާއްޖޭގައި ހަދާ ބަނދަރުތަކާއި ހިއްކައިގެން މަސައްކަތްކުރީމާ ވާނީ ކިހިނެއްތޯ، އާއި މިހާރު ހުރި ގުދުރަތީ ވަސީލަތްތަކަށްވަނީ ކޮން ގޮތްތަކެތޯ ކިޔައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެކަންތައްތައްކަކީ، ރާއްޖެއިން ދުނިޔެއަށް މިސާލު ދެއްކެން ހުރި ކަންކަން ކަމަށެވެ.

މި މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރއިްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސީޓީ މަޖިލީހުގެ އަމީން އާއްމު މަޖިލިސް ޖަލްސާއަށް އިއްވެވުމުން، މަޖިލިސް ރައީސް ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖު ކޮމިޓީއަށް ފޮނުއްވައިފައެވެ.

(ސީޑީއާރްއައި) ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އ.ދ ގެ އެޖެންސީތަކާއި ޕްރޮގްރާމްތަކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމްތަކާއި ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޕާޓްނަޝިޕެކެވެ.

މިކޯލިޝަންގެ އަމާޒުތަކާއި، ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައިވާތީ އާއި މިޗާޓަރަކީ އިންޑިއާގެ އިސްނެގުމެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ވަނީ މިކޯލިޝަނަށް ތާއީދުކޮށް އ.ދ ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކައިފައެވެ.

މި ޗާޓަރުގެ މައިގަނޑު މަގްސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީކުރުމާއި މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރު އެޅުމެވެ. އަދި މި ޗާޓަރުގެ މަގްސަދުތަކާއި ތަސައްވުރާއި ލަނޑުދަނޑިތައް ފަރުމާ ކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި ސެންޑައި ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި، އ.ދ. ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށެވެ.