އިންސްޓާގްރާމް ޕޯސްޓަކާއި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް އެޑިސަން ކަވާނީ މައާފަށް އެދިއްޖެއެވެ.

އުރުގުއޭގެ ފޯވަޑް ކަވާނީ އެންމެފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ބެންޗުން އަރައި ތަފާތު ކުޅުމެއް ދައްކާފައި ވެއެވެ. ދެ ގޯލް ޖެހުމުގެ އިތުރުން އެސިސްޓެއްވެސް ހަދާފައިވާއިރު، އެ މެޗަށްފަހު ކަވާނީ ކުރި އިންސްޓާގްރާމް ޕޯސްޓެއްގައި ސްޕެއިން ބަހުން ލިޔެފައިވާ ލިޔުންކޮޅަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.

ކަވާނީގެ ޕޯސްޓާ ގުޅިގެން އެފްއޭއިން މައްސަލަވެސް ބަލާފައިވާއިރު، އެ މައްސަލައާ ގުޅިގެން ކަވާނީ ވަނީ ޕޯސްޓް ޑިލީޓް ކޮށް، މައާފަށްވެސް އެދިފައެވެ.

"އެއީ ރަހުމަތްތެރިއަޔަށް ނިސްބަތް ކޮށް، ކޮށްފައިވާ މަޖާ ޕޯސްޓެއް. އެއީ އެ މެޗަށްފަހު އޭނާ އަހަންނަށް މަރުހަބާ ކިޔާފައިވާ ގޮތުން ކުރި ޕޯސްޓެއް. އެއްވެސް މީހަކަށް ބަދު ބަސް ބުނުމަށް އެއްވެސް ޕޯސްޓެއް އަހަރެން ނުކުރާނަން. ނަސްލީ ތަފާތުކުރުމުގެ ހުރިހާ ކަމަކަށްވެސް އަހަރެން އަބަދުވެސް އިދިކޮޅު ވާނެ. އެހެންވެ ވީ އެންމެ އަވަހަކަށް ޕޯސްޓް ޑިލީޓް ކޮށްލިން. އެކަމަށް ހުރިހާ އެންމެންގެ ކިބައިން މައާފަށް އެދެން ބޭނުން،" އުމުރުން 33 އަހަރުގެ ކަވާނީ ބުންޏެވެ.

އެފްއޭގެ އުސޫލުތައް ބުނާ ގޮތުން، އެއްވެސް ކުޅުންތެރިއެއްގެ މައްޗަށް ތަފާތު ކުރުމުގެ އެއްވެސް މައްސަލައެއް ސާބިތު ވެއްޖެ ނަމަ، އެ ކުޅުންތެރިޔަކަށް މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

ކަވާނީގެ ޕޯސްޓްގެ މައްސަލައިގައި ޔުނައިޓެޑުން ވަނީ އޭނާ ދިފާއުކޮށް ސްޓޭޓްމަންޓެއް ނެރެފައެވެ.