ޚަބަރު

ހިޔާނާތުގެ 32 ދައުވާއަށް ޒިޔަތު އެއްބަސްވުމުން 11 އަހަރުގެ ޖަލު ހުކުމެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 32 ދައުވާއަށް އޭނާ މިއަދު އެއްބަސްވެއްޖެއެވެ.

ޒިޔަތުގެ މައްޗަށް 32 ދައުވާ ކޮށްފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި މައްސަލަތަކުގައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަކި ވަކިން ކުރިއަށްގެންދިޔަ 32 ޝަރީއަތުގައި ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އެއްބަސްވެފައިވަނީ ޕީޖީއާއެކު ހަދާފައިވާ ޕްލީ ބާގެއިންއާ އެއްގޮތަށެވެ.

މިއަދުގެ ޝަރީއަތުގައި ޒިޔަތު ވަނީ ކޮންމެ ދައުވާއަކަށް ވަކިވަކިން އެއްބަސްވެ، ކޮށްފައިވާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައެވެ. އަދި އެ ހުރިހާ ދައުވާއަކަށް އިއުތިރާފު ވަނީ އެއްވެސް އިހުތިޔާރެއް ނުވަތަ މަޖުބޫރު ކަމެއް އޮވެގެންތޯ ގާޒީ ސުވާލު ކުރުން، ޒިޔަތު ވަނީ އެ ހުރިހާ ދައުވާއަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހުތިޔާރުގައި ކަމަށް ވިދާޅުވެފައެވެ.

ޒިޔަތު ވިދާޅުވީ އެ ފައިސާގެ ޗެކްތަކާ އޭނާ އަމިއްލައަށް ހަވާލުވެފައިވާ ކަމަށާއި އެ ޗެކްތައް އެމްއެމްޕީއާރުސީއާ ހަވާލުކުރުމުގެ ބަދަލުގައި ހަވާލުކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ނުވަތަ އޭނާ އެންގެވި ފަރާތްތަކަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ހަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވި ނަމަވެސް އޭގެން އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އެއްބަސްވެފައިވަތީ، ކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ގާނޫނުލް އުގޫބާތުގެ 1006 ގައި އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށް އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖަ އާއި އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެން ކަމަށެވެ. އަދި އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެއެވެ.

އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމަށެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެއެވެ. އެއީ އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީއެވެ.

ނަމަވެސް އެ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އަދަބާ ބެހޭގޮތުން ޒިޔަތުގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދެން އޮންނާނީ މި މައްސަލަތަކުގެ ހުކުމް ކަމަށް ވިދާޅުވެފައެވެ. ހުކުމް އިއްވުން އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާގައި 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް ޒިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެއެވެ.