ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަކީ، ޝަރީއަތުގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ މުދިމަކަށް ވެރިކަން ދީގެން 30 އަހަރު އުޅުން ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް މައުމޫނާއި ހިޔާލު ތަފާތުވިޔަސް އަލް އަޒުހަރު ޔުނިވާސިޓީއާއި ރައީސް މައުމޫންގެ އިލްމީ ފެންވަރަށް ޖޯކް ޖެހިގެން ނުވާނެ ކަމަށާއި ރައީސް މައުމޫން އަކީ ރާއްޖެ ދުށް ބޮޑު މުފައްކިރެއް ކަމަށެވެ.

ޑރ. ޝަހީމްގެ އެ ވިދާޅުވުމަށް ރައްދު ދެއްވައި ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނަކީ ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވި ބޭފުޅަކަށް ވިޔަސް އެމަނިކުފާނަކީ، ޝަރީއަތުގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ.

"ދިރިތިބި ބައިވަރު ހެކި ތިއްބާ މައުމޫން އިތުރުފުޅު ހައްދަވަނީ ހާދަހާ ދެރަވަރުވީމައޭ އަޅުގަނޑުގެ ހިތަށް އަރާ" ދިޔާނާ ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ޝަރީއަތުގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ދިޔާނާ ވިދާޅުވިއިރު، ފިރިކަލުން ޖާބިރުގެ އަތުން ރައީސް މައުމޫން ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން މައުމޫނާ ދެކޮޅަށް ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފައެވެ.

ރައީސް މައުމޫނުގެ މައްޗަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި ފައިސާ ރައީސް މައުމޫނު ނެންގެވިކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، އެ މުއާމަލާތް ހިންގިއިރު ހާޒިރުގައި އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ހެކިންގެ ގޮތުގައި އެ ފަރާތްތައް ހުށަހަޅަން ދައުވާގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަނައިބު އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާއެވެ.

މި މައްސަލައާ ގުޅިގެން މައުމޫންގެ ފަރާތްޕުޅުން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވެ، ޖާބިރު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.