އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވުލްވްސްއިން އާސެނަލްގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފިއެވެ.
ރޭގެ މެޗު 2-1ގެ ނަތީޖާއަކުން ވުލްވްސް ކާމިޔާބު ކޮށްފައިވާއިރު، އެއީ 1979 ވަނަ އަހަރަށްފަހު އާސެނަލްގެ ދަނޑުގައި ވުލްވްސްއިން އާސެނަލް ބަލިކުރި ފުރަތަމަ ފަހަރެވެ. ރޭގެ ނަތީޖާއާއެކު 10 މެޗުން 13 ޕޮއިންޓާއެކު އާސެނަލް ލީގުގެ 14 ވަނައިގައި އޮތްއިރު، މިއީ އާސެނަލްގެ ތާރީހުގައިވެސް އެންމެ ދަށްކޮށް ފެށި އެއް ސީޒަނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ވުލްވްސްގެ މެކްސިކޯ ފޯވަޑްގެ ބޮލަށް ސީރިއަސް އަނިޔާއެއް ވެ، އޭނާ ބާލަން ޖެހިފައި ވެއެވެ. އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއާއި ދެކުޅުންތެރިން ޖެހި ހިމަނޭޒްގެ ބޮލަށް އަނިވެފައިވާއިރު، އޭނާ ދަނޑުން ބާލައިގެން ގެންގޮސްފައި ވަނީ ސީދާ ހޮސްޕިޓަލަށެވެ. ދަނޑުމަތީގައި އޮކްސިޖަނާއެކު ގާތް ގަނޑަކަށް 10 ވަރަކަށް މިނެޓް ވަންދެން ފަރުވާ ދީފައި ވެއެވެ.
މެޗަށް ނުކުތްއިރު، ވުލްވްސްއާއި އާސެނަލްއަކީވެސް ލީގުގައި އެންމެ މަދުން ގޯލް ޖަހާފައިވާ ދެޓީމެވެ. އެހެންކަމުން މެޗުގައި އެޓޭކްތައް މަދުވާނެ ކަމަށް ބެލެވުނެވެ. ހާއްސަކޮށް އާސެނަލްގެ ހޯމް ރެކޯޑު އޮތީ އެންމެ ރަނގަޅަކަށްވެސް ނޫނެވެ. އެ ކްލަބުން އެންމެފަހުން ހޯމްގައި ކުޅުނު ތިން މެޗުންވެސް އޮތީ ބަލިވެފައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވުލްވްސް ޕެޑްރޯ ނެޓޯ ގޯލް ހުޅުވާލިއިރު، އޭގެ ދެތިން މިނެޓްފަހުން ވިލިއަންގެ ހުރަހަކުން އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެބްރިއަލްއެވެ. އާސެނަލްއިން އެ ނަތީޖާގައި ހާފް ނިންމާލަން ދަނިކޮށް، ވުލްވްސްއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. ޕެޑްރޯ ނެޓޯ ގެ ހަމަލާ އާސެނަލްގެ ގޯލްކީޕަރު ބްރެޑް ލެނޯގެ އަތުގައި ޖެހިފައި ނުކުތުމުން ގޯލަށް ވައްދާލީ ޑެނިއަލް ޕޮޑެންސްއެވެ.
މެޗުން މޮޅުވެ ވުލްވްސް ލީގު ތާވަލުގެ ހަވަނައިގައި އޮތީ 10 މެޗުން ހޯދި 17 ޕޮއިންޓާއެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު