ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހުވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފައެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 ގައެވެ.

ޖުލައި، 2017 ވަނަ އަހަރު ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް ހުކުމެއް އިއްވައިފައެއް ނުވެއެވެ.

ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ބަންދުގައި ހަ މަސް ބެހެއްޓުމަށް ފަހު ފާރިސް ދޫކޮށްލީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ރިޝްވަތުގެ އެހެން ތުހުމަތެއްގައި އޭނާ ހައްޔަރުކުރިއެވެ. އެ ފަހަރު ފާރިސް ބަންދުން ދޫކޮށްލީ 1 ފެބްރުއަރީ 2018ގައި ނެރުނު އަމުރާ ގުޅިގެންނެވެ. ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓިއެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން އެ ދެ ދައުވާތައް އަނބުރާ ވަނީ ގެންގޮސްފައެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޝަހްޝު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުގައި އެ މައްސަަލަ އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.