އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށަން ދިޔަ މޯލްޑިވިއަންގެ ކްރޫ އާއި ބޭނުން ކުރި މޯލްޑިވިއަންގެ ބޯޓު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އައިލެންޑް އޭވިއޭޝަނުން ސްޕައިސް ޖެޓަށް އެއް ސީޕްލޭން ވަނީ ލީޒްކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ އިންޑިއާގެ ސްޕައިސް ޖެޓުން އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ފަށަން އެހީތެރިކަން ފޯރުކޮށްދޭން އެގައުމަށް ދިޔަ މޯލްޑިވިއަންގެ ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ކްރޫއިން ރާއްޖެ އައުމާ ގުޅިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އިސްވެ ހުންނަވައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އިންޑިއާ އިން ވަނީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފަށައިފައެވެ. އެ ހިދުމަތް ފައްޓަވައިދެއްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އެ ގައުމުން ބުނީ ސީޕްލޭންގެ ހިދުމަތް ތައާރަފުކުރީ އެގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް ބާއްވަނީ ކެވާޑިއާ އާއި އަހުމަދު އާބާދާ ދެމެދުގައެވެ. ނަމަވެސް މިހާރު ވަނީ ވަގުތީ ގޮތުން ދަތުރުތައް މެދުކަނޑާލައިފައެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މެއިންޓެނަންސް މަސައްކަތަށް ސީޕްލޭން ހިދުމަތް ވަނީ 15 ދުވަހަށް މެދުކަނޑާލައިފައެވެ.