ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން އޮސަސޫނާ ކޮޅަށް ހަތަރު ގޯލު ޖަހައި، ބޮޑު މޮޅެއް ހޯދައިފިއެވެ.

ބާސާ ދަނޑުގައި ކުޅުނު މެޗު ބާސާއިން 4-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މެޗުގައި އެންމެ ހާއްސަކޮށް ފެނިގެން ދިޔައީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން ޑިއޭގޯ މަރަޑޯނާއަށް ދިން ޓްރިބިއުޓެވެ.

މެސީގެ ގޯލަށްފަހު އޭނާ ވަނީ ބާސާ ޖާޒީގެ ދަށުން ލައިގެން ހުރި އާޖެންޓީނާގެ ކްލަބެއް ކަމަށްވާ ނިވެލްސް އޯލްޑް ބޯއީސްގެ ޖާޒީ ދައްކާލައިފައެވެ. ނަންބަރު 10 ޖަހާފައިވާ އެ ނަންބަރަކީ ނިވެލްސްގައި މަރަޑޯނާ ބޭނުންކުރި ނަންބަރެވެ. ނިވެލްއަށް މަރަޑޯނާ މާ ގިނަ މެޗުތަކެއް ނުކުޅުނު ނަމަވެސް، ނިވެލްސްއަކީ މެސީއަށްވެސް ހާއްސަ ކްލަބެކެވެ. އެއީ މެސީގެ ކެރިއަރު ފެށި ކްލަބެވެ.

މެސީގެ ހާއްސަ ޓްރިބިއުޓުގައި ބާސާގެ ދަނޑުގައި މަރަޑޯނާގެ ފޮޓޯ އަޅުވާފައިވާ ސްކްރީނަށްވެސް އިޝާރާތް ކޮށްފައިވެއެވެ. 1986 ވަނަ އަހަރު ވޯލްޑް ކަޕް އާޖެންޓީނާއާއެކު ކާމިޔާބުކުރި ހުނަރުވެރި ފޯވަޑް މަރަޑޯނާގެ ކުއްލި ވަކިވުމާއެކު މުޅި ފުޓުބޯޅަ ދުނިޔެވެސް ހިތާމަ ފާޅުކުރަމުންނެވެ. މަރަޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހަފުތާގައެވެ. މަރުވިއިރު އުމުރަކީ 60 އަހަރެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދިޔަ އާޖެންޓީނާ ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް މަރަޑޯނާ ފެނިގެން ގޮސްފައިވާ އިރު، އޭރު މެސީއާއި މަރަޑޯނާ ފެނުނީ ވަރަށް ގާތުން މަސައްކަތް ކުރިތަނެވެ. މެސީއާއި މަރަޑޯނާއަކީވެސް ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ބާސާއަށް މޮޅެއް މުހިއްމުވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، މެސީގެ އިތުރުން ބާސާގެ ގޯލްތައް ޖަހައިދިނީ މާޓިން ބްރައިތުވައިޓާއި އެންޓޮއިން ގްރީޒްމަން އަދި ފިލިޕް ކުޓީނިއޯއެވެ. މިރޭގެ މެޗުން ހޯދި މޮޅަކީ ލީގުގައި އެންމެފަހުން ކުޅުނު ހަ މެޗުން ބާސާ ހޯދި ފުރަތަމަ މޮޅެވެ.

މެޗުން މޮޅުވެ ބާސާ އޮތީ ލަލީގާ ތާވަލުގެ އަށްވަނައިގައެވެ. އެޓީމަށް ނުވަ މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، ލީގަށް ވާދަކުރުމަށް ރަނގަޅު ފޯމެއް ދަމަހައްޓަން ވަނީ މަޖުބޫރުވެފައެވެ.