މިލިއަން ވޯޓު ލި އޭއެފްސީ ބްރެކެޓް ޗެލެންޖް ރާއްޖޭގެ ފުޓުބޯޅަ ބަތަލު، އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބު ކުރުމަކީ މުޅި ރާއްޖެ ފަހުރުވެރިވާނެ ކަމެކެވެ. ދިވެހީން، ދަގަނޑޭގެ އެތައް ސަޕޯޓަރުންގެ ބުރަ މަސައްކަތުން ބޮޑެތި އާބާދީތައް އޮންނަ ގައުމުތަކަށް ނިސްބަތްވާ ގައުމުތަކުގެ ކުޅުންތެރިން، ޕޮޕިއުލާރިޓީ ވޯޓަކުން ބަލިކޮށް، ދަގަނޑޭ އެންމެ އުހަށް ގެންގޮސްދިނުމަކީ ދެއްކި ނަމޫނާއެކެވެ. ގައުމެގެ "ހީރޯ" ގެ ދަރަޖަ ދިވެހީން ދަގަނޑޭއަށް ދޭ ކަމުގެ ހެއްކެކެވެ. ގައުމު ދަގަނޑޭއަށް އެއްބައިވާނެއެވެ. އެއީ މިގައުމުގެ ފަހުރެވެ.
ދިވެހީންގެ ހިތްވަރާއެކު، އެތައް ވޯޓެއް އަޅައިގެން ދަގަނޑޭ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރީ ހޮންކޮންގުގެ ޗަން ސިއު ކީއާ ވާދަކޮށްގެންނެވެ. ފައިނަލާ ހަމައަށް ގެންދިޔުމަށްވެސް ވިއެޓްނާމް ފަދަ އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިންވެސް ބަލިކޮށް، ދިވެހީން ތަފާތު ގައުމީ ރޫހެއް ދައްކާފައިވާއިރު، ފައިނަލް ދަގަނޑޭއަށް ކާމިޔާބު ކޮށްދިނުމުގައިވެސް ދިވެހީން ވަނީ އެއް ވާނެއްގައި ހިފަހައްޓާފައެވެ. ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 89.14 ޕަސެންޓް، 10.86 ޕަސެންޓް ވޯޓުގެ ތަފާތު ބޮޑު ފަރަގަކުންނެވެ.
ބްރެކެޓް ޗެލެންޖް ކާމިޔާބުކުރި ދަގަނޑޭގެ ގޯލަކީ ތާރީހީ ގޯލެކެވެ. މި ސަރަހައްދުގެ ކުޅުންތެރިއެއްގެ ފަރާތުން އޭއެފްސީ ކަޕްގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ގޯލެވެ. ލެޖެންޑަރީ އެ ގޯލަކީ އޭއެފްސީ ކަޕްގެ ތާރީހު ދުށް އެންމެ މޮޅު ސޯލޯ ގޯލްގެ ގޮތުގައި ހޮވިފައިވާ ގޯލެކެވެ.
ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓްގެ ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައި ވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ބާރު ދުވެލީގައި ގޮސް އޭރިއާ ތެރެއަށް ވަދެ ގޯލްކީޕަރު ނައްޓާލުމަށްފަހު، މުޅި ޕަރްސިބޯގެ ޑިފެންސް އެއްކޮށް އޭރިއާ ތެރޭގައި ހާވައިލުމަށްފަހު ދަގަނޑޭ ގޯލަށް ބޯޅަ ފޮޮނުވާލަނީ ފަސޭހަ ކަމާއެކުގައެވެ. އެ ގޯލްގެ އިހުސާސްތައް ދަގަނޑޭ ވަނީ އޭއެފްސީ ކަޕްގެ ވެބްސައިޓާ ހިއްސާ ކޮށްފައެވެ.
ދަގަނޑޭ ބުނެފައި ވަނީ ނިއު ރޭޑިއަންޓް ޖާޒީގައި އޭނާ ޕަރްސިބޯއާ ދެކޮޅަށް ކުޅުނު މެޗަކީ މުޅި ޓީމުންވެސް ރަނގަޅަށް ކުޅުނު މެޗެއް ކަމަށާއި، ބޯޅަ ފައިގައި ޖެހުމާއެކު ވިސްނުން ހުރީ ގޯލް ޖެހުމަށް ކަމަށެވެ.
"އަހަރެން ޔަގީން ކުރަން ބޭނުންވި ގޯލް ޖެހޭނެކަން. ޔަގީންކަމާއެކު ފޮނުވާލަން ފުރުސަތު ފަހިކުރަންވެގެން ޑިފެންޑަރުން ކައިރިން ނައްޓާލީ. ޑިފެންޑަރުން އެގަޑީގައި ތިބީ ޕެނިކްވެފައި. އެއީ އަހަންނަށް ލިބުނު ފައިދާއަކީވެސް. ޔަގީން ކޮށްފަ. ބަލާލާފަ ގޯލަށް ފޮނުވާލީ. އެއީ އެހެން ޖެހި ފުރަތަމަ ނޫނީ ދެވަނަ ގޯލް. ޔަގީނުންވެސް އެންމެ މޮޅަށް ޑްރިބަލް ކޮށްފައި ޖެހި ގޯލް އެއީ ޕެނެލްޓީ އޭރިއާ ތެރެއިން. އެއީ ދިގު ކެރިއަރުގައި އަހަރެންގެ ސަޕޯޓަރުންނާއި ޓީމު މޭޓުންވެސް ފާހަގަކުރާ މުހިއްމު ވަގުތު ކޮޅެއް،" ދަގަނޑޭ ބުނެފައިވެއެވެ.
ދަގަނޑޭ ބުނެފައި ވަނީ އޭނާގެ ޑްރިބަލްތަކާއި، ހިތްގައިމު ކުޅުންތަކަކީ ސަޕޯޓަރުންނާއި އަމިއްލަ އުފާވެރިކަމުގެ އިހުސާސަށް މުހިއްމު ކަމެއް ކަމަށާއި، އަބަދުވެސް ޖަހާ ގޯލާއެކު ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ.
އުމުރުން 35 އަހަރުގެ އަޝްފާގު ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އޭނާ ބުނެފައި ވަނީ ކާމިޔާބީއަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ދިވެހީން މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ ގައުމީ ކަންކަމުގައި ދިވެހީން ފަހަތަށް ނުޖެހޭނެކަން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު