އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް، ބަޖެޓް ކޮމިޓީން ދިރާސާކުރުމުގައި ގެނައި ބަދަލުތަކުގެ ސަބަބުން، އޯވަރޯލް ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ހިމެނިފައި އޮތް 15.5 ބިލިޔަން ރުފިޔާ ގެ ދަރަނި، 12.3 ބިލިޔަނަށް ދަށްކުރެވިފައިވާ ކަމަށް، ބަޖެޓު ކޮމިޓީގެ މުގައްރިރު އަަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޝިޒު މިހެން ވިދާޅުވީ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ނާޝިޒު ވިދާޅުވީ، ދައުލަތުން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، އަންނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައި އޮތީ، ހަތް ލައްކަ ފަތުރުވެރިންނެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ދިރާސާކޮށް އަންނަ އަހަރު އެއް މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކޮށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިގޮތަށް ބަދަލު ކުރުމާ ގުޅިގެން ރާއްޖޭގެ އާމްދަނީ ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އަދަދު 598.9 މިލިޔަން ރުފިޔާއަށް އިތުރުވެ ގްރީން ޓެކްސް 253.9 މިލިއަނަށް އިތުރުވެ އެއާޕޯޓް ސާވިސް ޓެކްސް 218 މިލިޔަނަށް އިތުރުވާނެ. މީގެ އިތުރުން މި ބަދަލާއެކު އެއާޕޯޓް ޑިވެލޮޕްމަންޓްފީ 219.3 މިލިޔަނަށް އިތުރުވެ، ރާއްޖޭން ބިން ވިއްކައިންގެން ލިބޭ އާމްދަނީއަށް އިތުރު 700 މިލިޔަން، އޭގެ އިތުރުން އެހެނިހެން ކުއްޔާއި ހަރުމުދަލުގެ އާމްދަނީ 1.345 ބިލިޔަން އިތުރު ވާނެ ކަމަށް ލަފާ ކުރެވުނު،" ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒު ވިދާޅުވީ، މި ބަދަލާ ގުޅިގެން ބަޖެޓަށް ފައިސާ އިތުރުވުމާ ގުޅިގެން ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ވެސް 40 މިލިއަން އިތުރު ވެފައިވާ ކަމަށެވެ. އަދި ޕީއެސްއައިޕީއަށް ގެނެވުނު ބަދަލުތަކާ އެކު 105 މިލިޔަން އެބަޔަށް އިތުރުވެފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޖެޓު ކޮމިޓީން ގެނައި ބަދަލާ ގުޅިގެން މިނިވަން މުއައްސަސާތަަކަށް 52.8 މިލިޔަން ރުފިޔާ އިތުރު ކުރެވިފައިވާ ކަމަށާއި، ބަޖެޓުގެ ޖުމުލަ އާމްދަނީއަށް މި އައި ބަދަލާ ގުޅިގެން ސިޔާސީ ޕާޓީތަކަށް 128000 ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.

"މި ބަދަލާއެކު އޯވަރޯލް ބަޖެޓް ޑެފިސިޓް މިވަނީ 15.5 ބިލިޔަން ރުފިޔާ 12.3 ބިލިޔަންނަށް ދަށްވެފައި، އަދި ޖުމްލަ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން 140.8 ޕަސެންޓްގައި އޮތް އޮތުން މިހާރު 137 ޕަސެންޓަށް ތިރިވެފައިވާކަން ފާހަގަކުރަން،" ނާޝިޒު ވިދާޅުވިއެވެ.