ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށް ރޭ ވެގެން ދިޔައީ މާޔޫސީ ރެއަކަށެވެ. ދެ ގޯލެއް ވީއެއާރުގެ އެހީގައި އޮފްސައިޑް ކަމަށް ނިންމި ނިންމުމާއި ފަހު ވަގުތު ވީއޭއާރު ބެލުމަށްފަހު ބްރައިޓަންއަށް ދިން ޕެނެލްޓީއާއެކު ލިވަޕޫލަށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. އޭގެ އިތުރުން ޖޭމްސް މިލްނާއަށް އަނިޔާވެ، ލިވަޕޫލްގެ އިންޖަރީ ކުޅުންތެރިންގެ ލިސްޓަށް އަނެއްކާ ވެސް ނަމެއް އިތުރުވި އެވެ. އެކަންކަމުގެ މާޔޫސްކަން މެޗަށްފަހު ކޯޗު ޔާގަން ކްލޮޕާއި ކެޕްޓަން ޖޯޑަން ހެންޑަސަންގެ ފަރާތުން ފެނިފައިވެ އެވެ.
"ބުދަ ދުވަހު ކުޅުނު ޓީމަކަށް ހޮނިހިރު 12:30ގައި ކުޅުނު މެޗެއް ތި ދިނީ. މަރުހަބާ ދެން ... އެކަމަކު އެއީ ކުޅުންތެރިންނަށް ވަރަށް ނުރައްކާތެރިކަމެއް،" ރުޅި ގަދަވެފައިހުރި ކްލޮޕް މެޗަށްފަހު ބީޓީ ސްޕޯޓްސްގެ ރިޕޯޓަރު ޑެސް ކެލީއާ ދިމާލަށް ބުނެފައިވެ އެވެ.
ކްލޮޕް މީގެ ކުރިން ވެސް ބުދަ ދުވަހު ކުޅެފައި ހޮނިހިރު ދުވަހު މެންދުރު ކުޅެން ޖެހުމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. ކްލޮޕް ބުނެފައިވަނީ މި އަހަރު ނިމޭއިރު އެގޮތަށް ލިވަޕޫލާ ތިންފަހަރު ކުޅެން ޖެހޭ ކަމަށާއި އެހެން އެއްވެސް ޓީމަކަށް އެ ސްލޮޓްގައި ތިން ފަހަރު ކުޅެން ނުޖެހޭ ކަމަށެވެ.
ކްލޮޕްގެ ލިވަޕޫލްގެ އިތުރުން ސީޒަންގައި އެންމެ ގިނައިން ހޮނިހިރު ދުވަހުގެ މެންދުރު މެޗުތައް ކުޅެން ޖެހެނީ ވާދަވެރި އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑެވެ. ލިވަޕޫލާއި ޔުނައިޓެޑުން ތިން ފަހަރަށް ހޮނިހިރު ދުވަހު މެންދުރު ކުޅެން ޖެހޭއިރު، އެވަޓަން އެ ސްލޮޓްގައި ހަތަރު މެޗު ކުޅެން ޖެހެ އެވެ. ނަމަވެސް އެވަޓަންއަކީ ޔޫރަޕްގެ މުބާރާތެއްގައި ކުޅޭ ޓީމަކަށް ނުވުމުން އެޓީމަށް މާބޮޑު މައްސަލައެއް ދިމައެއް ނުވާނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށްފަހު ހޮނިހިރު ދުވަހު މެންދުރު ކުޅެން ޖެހުމުން ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯ ވެސް ނުރުހުން ފާޅުކޮށްފައިވާއިރު، ރޭގެ މެޗުގައި މިލްނާއަށް ލިބުނު އަނިޔާއާ ގުޅިގެން "ސާކޭސްޓިކް" ރާގަކަށް ކްލޮޕް ވަނީ ރިޕޯޓަރަށް މަރުހަބާ ކިޔައިފަ އެވެ. ކްލޮޕްގެ އިންޖަރީ ލިސްޓް އިންތިހާއަށް ބޮޑުވެ، ލިވަޕޫލަށް ތަށި ދިފާއު ކުރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ކްލޮޕް ވަނީ ފަސް ބަދަލު ކުރެވޭނެ ގޮތް ނަހަދާ ލީގު ކުރިއަށް ގެންދާތީ ވެސް ޝަކުވާ ކޮށްފަ އެވެ.
ރޭގެ މެޗުގައި ވީއޭއާރުގެ ނިންމުންތަކެއްގެ ޝަކުވާ ވެސް ބޮޑުވެފައި އޮތްއިރު، ކެޕްޓަން ހެންޑަސަން ބުނެފައިވަނީ އޮފްސައިޑް ވުމުން ރޮނގު އަޅާފައިބަލާއިރު، އެކަމަށް ދެން ޝަކުވާ ކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ރޭގެ މެޗުގެ ފަހު މިނެޓުގައި ދިން ޕެނެލްޓީއަކީ ގޯސް ޕެނެލްޓީއެއް ކަމަށް އޭނާ ބުންޏެވެ. އަދި އިދިކޮޅު ޓީމުގެ ފަސް ވަރަކަށް ކުޅުންތެރިން ވެސް، މެޗު ނިންމާލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ހެންޑަސަން ބުންޏެވެ.
ތިން ޕޮއިންޓް ގެއްލުނު ނަމަވެސް ލިވަޕޫލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. އެގޮތުން 10 މެޗުން އެ ޓީމަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް ޓޮޓެންހަމް މެޗެއް މަދުން ކުޅެގެން އޮތީ 20 ޕޮއިންޓާއެކުގަ އެވެ. ތިންވަނައިގައި ޗެލްސީ ނުވަ މެޗުން 18 ޕޮއިންޓާއެކު އޮތްއިރު، މިރޭ ޓޮޓެންހަމް އާއި ޗެލްސީގެ ކުރިމަތިލުން އޮންނާނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު