އަލްޖީރިއާގެ ރިޔާދް މަހަރޭޒް މެންޗެސްޓާ ސިޓީ ޖާޒީގައި ހެދި ފުރަތަމަ ހެޓްރިކާއެކު، އެ ކުލަބުން ބާންލީ ކޮޅަށް ފަސް ގޯލް ޖަހައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު ސިޓީން 5-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުން މޮޅުވެ ސިޓީ ވަނީ ނުވަ މެޗުން 15 ޕޮއިންޓް ހޯދާ ތާވަލުގެ އަށްވަނަ އަށް ޖެހިލައިފަ އެވެ. މި ސީޒަން ދަށްކޮށް ފެށި ސިޓީން ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. މިހާތަނަށް ތިން މެޗުން އެއްވަރުވި އިރު، ދެ މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗަށް ނުކުތް އިރު ސިޓީއަށް އޮތް އެންމެ ބޮޑު މާޔޫސް ކަމަކީ ވެސް ގޯލް ޖެހުމެވެ. ކުން އަގުއޭރޯ އާއި ގެބްރިއަލް ޖެސޫސް ސީޒަން ފެށި އިރު އަނިޔާގައި ތިބުމުން ސިޓީއަށް ގޯލް ޖެހުމުގެ މައްސަލަތައް ކުރިމަތިވި އެވެ. މިހާރު އެ ދެކުޅުންތެރިން ވެސް ފިޓްވެފައިވާއިރު، މިރޭގެ މެޗުގައި ގިނަ ގޯލްތަކެއް ޖެހުމަކީ ކޯޗު ޕެޕް ގާޑިއޯލާއަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. އެއީ މިރޭގެ މެޗަށް ނުކުތްއިރު، ލީގުގައި ކުޅެފައިވާ އަށް މެޗުން އެޓީމަށް ޖެހިފައިވަނީ އެންމެ 10 ގޯލް ކަމަށްވާތީއެވެ.

މެޗު އެއްކޮށް ސިޓީން ޑޮމިނޭޓް ކޮށްގެން ކުޅެފައިވާއިރު، ފުރަތަމަ ހާފުގައި މަހަރޭޒްގެ ދެ ގޯލް ފެނިފައިވެ އެވެ. ދެ ގޯލް ޖެހުމުގައި ވެސް ނިންމާލުން ހިތްގައިމެވެ. ސިޓީން އިތުރު ގޯލަކާއެކު ހާފް ނިންމާލި އިރު، އެ ގޯލަކީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެވިން ޑިބްރޭނާގެ ހުރަހަކުން ބެންޖަމިން މެންޑީ ޖަހައިދިން ގޯލެކެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ލެސްޓާ ސިޓީން ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހެދި މަހަރޭޒް، އޭގެފަހުން ހެދި ފުރަތަމަ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގަ އެވެ. އޭގެ ކުރިން ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީގެ ހަތަރު ވަނަ ގޯލް ޖަހައިދިނީ ގެބްރިއަލް ޖެސޫސްގެ ބޯޅައަކުން ސްޕެއިންގެ ޒުވާން ތަރި ފެރާން ޓޮރޭޒް އެވެ.

މެޗުގެ ފަހު ކޮޅުގައި ޑިބްރޭނާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވެސްވެ އެވެ. ސިޓީން ފަސް ގޯލާއެކު މެޗު ނިންމާލުމުން ގާޑިއޯލާގެ ފަރާތުން ހިތްހަމަ ޖެހުން ފެނިފައިވެ އެވެ. އާ ކޮންޓްރެކްޓަކާއެކު ގާޑިއޯލާ ސިޓީގައި މަޑުކުރަން އެއްބަސްވެފައިވާއިރު، އޭނާއަށް ސިޓީއާއެކު މިހާތަނަށް ކާމިޔާބު ނުކުރެވި އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ.