އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބްރައިޓަން އެންޑް ހޯވް އެލްބިއޯންއާ ދެކޮޅަށް ޗެމްޕިއަން ލިވަޕޫލުން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމުނުއިރު، ގިނަ ބައެއްގެ ލޯތައް އަމާޒުވީ ވީއޭއާރަށެވެ. މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ އޮފްސައިޑް ކަމަށް ނިންމުމުގެ އިތުރުން ފަހު ހާފުގައި ސަޑިއޯ މާނޭ ޖެހި ގޯލު ވެސް އޮފްސައިޑް ކަމަށް ރެފްރީ ނިންމީ ވީއޭއާރުގެ އެހީގައެވެ.
އެ މާޔޫސް ކަމުގައި ލިވަޕޫލުން ކުޅެމުން ދަނިކޮށް އެޓީމު އިތުރަށް މާޔޫސް ކޮށްލީ ފަހު މިނެޓުގައި ބްރައިޓަން އަށް ލިބުނު ޕެނެލްޓީންނެވެ. އެންޑީ ރޮބާޓްސަން އޭރިއާ ތެރެއިން ޑެނީ ވެލްބެކްގެ ފައިގާ ޖެހުމުން ރެފްރީ ދިން ޕެނެލްޓީ ދީފައިވަނީ ސްކްރީން ކައިރިއަށް ގޮސް ވީއޭއާރު ބެލުމަށްފަހު އެވެ. އެ ޕެނެލްޓީއާއެކު ބްރައިޓަން އަށް ފަހު ވަގުތު ޕޮއިންޓެއް ސަލާމަތް ކޮށްދިނީ ޕަސްކަލް ގްރޮސްއެވެ. ޕެނެލްޓީގެ ސައްހަކަމާމެދު މެޗު ތެރެއިން ވެސް ކޯޗު ޔާގަން ކްލޮޕާއި ލިވަޕޫލް ކެޕްޓަން ޖޯޑަން ހެންޑަސަން ސުވާލުތަކެއް އުފެއްދިތަން ފެނިފައިވެ އެވެ.
މިއަދުގެ މެޗުގެ ކުރީކޮޅުގައި ވެސް ބްރައިޓަންއަށް ޕެނެލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ނީލް މުއާޕޭ ފޮނުވާލި ޕެނެލްޓީ ދިޔައީ ބޭރަށެވެ. އަނިޔާގެ އެތައް މައްސަލައެއް ކުރިމަތިވެފައިވާ ލިވަޕޫލަށް މިހާރު ހުރިހާ މެޗަކީ ވެސް އުނދަގޫ މެޗުތަކަށް ވާނެ ކަމަށް ކޯޗު ޔާގަން ކްލޮޕްވެސް ބުނެފައިވާއިރު، އެޓީމުގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް މިއަދު ވެސް ފެނިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ލިވަޕޫލުން ލީޑު ނެގި އެވެ. މުހައްމަދު ސަލާހުގެ ބޯޅައަކަށް ކުރިއަށް ޖެހި ޑިފެންޑަރު ވެސް ބީޓް ކޮށްލާފައި ގޯލަށް ބޯޅަ ވައްދާލަ ދިނީ ޑިއޭގޯ ޖޮޓާއެވެ. ޖޮޓާއަކީ ލިވަޕޫލްގައި މިވަގުތު ހުރި އެންމެ ފޯމް ރަނގަޅު ކުޅުންތެރިޔާ ވެސް މެއެވެ.
މެޗުގެ ފަހު ވަގުތު ތިން ޕޮއިންޓް ގެއްލުނު ނަމަވެސް ލިވަޕޫލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. 10 މެޗުން އެ ޓީމަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް ޓޮޓެންހަމް މެޗެއް މަދުން ކުޅެގެން އޮތީ 20 ޕޮއިންޓާއެކުގަ އެވެ. ތިންވަނައިގައި ޗެލްސީ ނުވަ މެޗުން 18 ޕޮއިންޓާއެކު އޮތްއިރު، މާދަމާ ރޭ އެ ޓޮޓެންހަމް އާއި ޗެލްސީގެ ކުރިމަތިލުން އޮންނާނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު