ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު، ހއ. އިހަވަންދޫ/ ވައިޖެހޭގެ، ޖަމީލާ ހުސެއިން އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ޖަމީލާ ހުސެއިން އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 82 އަހަރެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަމީލާ އަވަހާރަވުމާ ގުޅިގެން އާއިލާއަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތް ﷲ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.

ޖަމީލާއަކީ މައިމޫނާގެ އިތުރުން ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އަދި ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ޝަފީއުގެ ވެސް މަންމާފުޅެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު، މީރާގެ ޑެޕިއުޓީ ކޮންޓްރޯލަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަފީއު އަކީ ވެސް ޖަމީލާގެ ބޭފުޅުންނެވެ.