ޚަބަރު

ޝިޕިން އެޖެންސީއާ ބަހޭ ގަވައިދަށް އަމަލުކުރަން ފަށައިފި

އަލީ ޔާމިން

ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލައިފައިވާ ޝިޕިން އެޖެންސީއާ ބަހޭ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ. އެ ގަވައިދު ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރުމާއެކު އެ ގަވައިދަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.

ޝިޕިން އެޖެންސީއާ ބަހޭ ގަވައިދަށް އަމަލުކުރަން ފެށުމުން، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ގަވައިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޝިޕިން ހިދުމަތްދޭ އެޖެންޓުންނަށް ލައިސަންސް ހޯދުމަށްޓަކައި އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް ކަމަށްވާ eportal.mta.gov.mv ގައި ބަޔާންކޮށްފައިވާ ޝިޕިން އެޖެންސީ ރެޖިސްޓްރޭޝަން/ލައިސަންސިން ހިދުމަތަށް އެދި އޮންލައިންކޮށް ހުށަހެޅުމަށް އަންގައިފައެވެ.

އެ ގަވައިދަށް އަމަލު ކުރުމާއެކު ޝިޕިން އެޖެންޓުން އެކި ނަން ނަމުގައި ނަގަމުން އަންނަ އަގުތައް ވަނީ ކޮންޓްރޯލްކޮށްފައެވެ. އެ ގަވައިދުގައި ޑެލިވަރީ އޯޑަރަކަށް ނެގޭނެ ފައިސާގެ އަދަދުވެސް ކަނޑައަޅާފައިވެއެވެ.

އެގޮތުން އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާ އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްްވެސް ކަަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ ކަމަށް ގަވައިދުގައި ބުނެއެވެ. އަދި ޑެލިވަރީ އޯޑަރު ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލް އަކަށް ނަމަ ނެގޭނީ 771 ރުފިޔާ ކަމަށާއި ޑެލިވަރީ އޯޑަރު ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލްއަކަށް ނަމަ ނެގޭނީ 385.50 ރުފިޔާ ކަމަށްވެސް ގަވައިދުގައި ވެއެވެ.

ފުލް ކޮންޓެއިނަރު ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ މުދާ އަދި ފުލް ކޮންޓެއިނަރަށްވުރެ މަދުން ހުންނަ ބީއެލްގައި ނުހިމެނޭ ބާވަތުގެ މުދަލަށް ދޫކުރެވޭ ޑީއޯއަކަށް ނެގޭނީ 385.50 ރުފިޔާއެވެ.

ގަވައިދާ ހިލާފަށް ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަދި އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާ އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނަގައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ އިން، ދެވަނަ ފަހަރަށް 10،000 ރުފިޔާއިން އިން އަދި ދެފަހަރަށް ވުރެ އިތުރުވެއްޖެނަމަ އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ބުންޏެވެ.