ޚަބަރު

އިދިކޮޅުގެ އެއްވުމުގައި އަނިޔާވި އަންހެނުންތަކަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބައެއް: ފުލުހުން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެއްވުމުގެ ތެރެއިން އިއްޔެ އަނިޔާވި އަންހެނުންތަކަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސަލާމަތީގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، މޫދަށް ފުންމާލި 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މަސައްކަތްކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެއެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ ތެރޭގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން އެ ހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އަޅާނެ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވިއެވެ.

އެ އަޑުއެހުމަށްފަހު ހިނގައިދިޔަ ހާދިސާއާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ އަނިޔާވެފައިވަނީ އަޑުއެހުމަށްފަހު ރައީސް ޔާމީން އަނބުރާ މާފުށި ޖަލަށް ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާނަށް އެއްވި ތިން އަންހެނަކަށް ކަމަށާއި ފުލުހުން ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އިދިކޮޅުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ބޯ ފަޅައިގެން ގޮސް، އަނމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެންބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި އުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެން ގޮސް އުނަގަނޑަށް ވެސް ވަނީ އަނިޔާތަކެއް ވެފައެވެ.