ސްރީލަންކާއިން ކޮވިޑް ވެކްސިން "ކޮވެކްސް" ހޯދުމަށް މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓަރު ޕަވިތްރާ ވަންނިއަރައްޗިއާ ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ ލަންކާއިން ކޮވިޑާ ދެކޮޅަށް ވެކްސިން ހޯދުމަށް މަޝްވަރާ ފަށާފައިވާކަން ހާމަކޮށްފައެވެ.

ލަންކާގެ މަޖިލީހުގައި ވާހަކަދައްކަވަމުން އެގައުމުގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަނިއަރައްޗީ ވިދާޅުވީ އެގައުމުން ޑަބްލިއުއެޗްއޯގެ ގްލޯބަލް އެލަޔަންސް ފޯ ވެކްސިންސް އެން އިމިއުނިސޭޝަންގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ އިއްތިހަދުގެ ތެރެއިން އެގައުމުގެ 4.2 މިލިއަން މީހުންގެ ތެރެއިން 20 އިންސައްތަ މީހުންނަށް ވެކްސިން ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޑަބްލިއުއެޗްއޯ އިން ހުއްދަ ދިންހާ އަވަހަކަށް އެގައުމަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ކޮވިޑުގެ ހާލަތު ގޯސްވަމުންދާ ލަންކާގައި ކޮވިޑް ވެކްސިން ދިނުމާއި ދޭނެ މީހުން ކަނޑައެޅުމާއި ވެކްސިންގެ އެހެނިހެން ކަންކަމުގައި ގޮތް ނިންމާނެ ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.