ރާއްޖޭގައި ސަގާފީ ޓޫރިޒަމާއި ހަލާލް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރެވެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ދަ ސްޓޭންޑިން ކޮމިޓީ ފޯ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް)ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދައި ފަތުރުވެރިކަމުގެ ވިޔަފާރީގެ އާ އުކުޅުތައް ތައާރަފުކުރަންވީ ވަގުތު ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްތައް ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ ޓޫރިޒަމް އިންޑަސްޓްރީގެ ބައިވެރިންގެ މިންނެތް މަސައްކަތްކައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ހުޅުއްވައިދެއްވީ ކޮމްސެކްގެ ޗެއާމަން އަދި ތުރުކީގެ ރައީސް ރެޖަބް ތައްޔިބު އުރުދުޣާނެވެ.
ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ ހަތަރު ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު