މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް މާލެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން 1.9 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓް ހެޑް، ޗީފް އިންސްޕެކްޝާ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓަށް 2،710 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ވަގަށް ނަގާފައިވާ ތަކެތީގެ ތެރެެއިން 1.9 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ތެރެއިން ބައެއް ތަކެތި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.

"ސްކޭމް ކޯލް އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން ހޯދާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާ ރިކަވާކުރެވި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފައި. ހަމަ އެފަދައިން ފޭރުމުގެ މައްސަލަތަކުގަައިވެސް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކުރެވިފައިވޭ. އެހެންކަމުން ޖުމްލަ ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާގެ ތަކެތި ވޮލިއުމް ކްރައިމްގެ ތެރެއިން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކުރެވިފައިވޭ،" ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، އެންމެ ގިނައިން ހުށަހަޅާފައިވަނީ މޯބައިލް ފޯނު ވަގަށް ނެގުމުގެ މައްސަލަތަކާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުގައި ހުންނަ މުދާ ވަގަށް ނެގުމުގެ މައްސަލަތައް ކަމަށެވެ. މީގެ އިތުރުން ސައިކަލު ވަގަށް ނެގުމާއި ގޭގެއަށް ވަދެ ކުރާ ވައްކަންތައްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"ފަރުވާ ކުޑަކުރުމުގެ ސަބަބުން ހިނގާ ވައްކަންތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުން،" ފާއިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިޒް ވިދާޅުވީ، ވެރިފަރާތް ނޭނގޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ. އެހެންކަމުން އެއްޗެއް ގެއްލިފައިވާ ނަމަ ނުވަތަ ވަގަށް ނަގާފައިވާނަމަ ލަސްނުކޮށް ފުލުހުންނަށް ހުށަހެޅުމަށްވެސް ފާއިޒް އިލްތިމާސްކުރެއްވިއެވެ.

މިއަހަރުގެ މިހާތަނަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ވައްކަމުގެ ގިނަ މައްސަލަތަކެއް ހުށަހަޅައިފައެވެ. އެގޮތުން އެ ސްޓޭޝަނަށް ވައްކަމުގެ 475 މައްސަލައެއް ހުށަހަޅާފައިވެއެވެ.