އަލީ އަޝްފާގު

ދަގަނޑޭ ބޮޑުތަނުން ކުރީގައި، އެންމެ ތަންކޮޅެއް ވެސް ދޫނުދޭތި!

އަލީ އަޝްފާގު (ދަގަނޑޭ)ގެ ޝަރަފަށް، ގައުމުގެ ޝަރަފަށް ދިވެހީން ތެދުވެ އޭއެފްސީ ބްރެކެޓް ޗެލެންޖުގައި މިހާތަނަށް ދެއްކީ ތަފާތު ނަތީޖާތަކެކެވެ. އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިން ބަލިކޮށް، ދަގަނޑޭ ފައިނަލަށް ގެންގޮސްދިނީ އެތައް ބުރަ މަސައްކަތަކުން، ލައްކައިން ވޯޓު އަޅައިގެންނެވެ. އެކީ އެކަތިގަނޑެއްގެ ގޮތުގައި މިހާރު ވެސް ފައިނަލުގެ ވޯޓުލުން ކުރިއަށްދާއިރު، ދިވެހީން ދައްކަމުން އަންނަ ތަފާތު ނަތީޖާގައި މިހާރު އޮތް ފަރަގުން ވެސް ސާފެވެ.

އޭއެފްސީ ކަޕުން އެންމެ މަގުބޫލު ގޯލު ހޮވުމަށް ކުރިއަށްގެންދާ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރަނީ ހޮންކޮންގުގެ ޗަން ސިއު ކީއާއެވެ. ބްރެކެޓް ޗެލެންޖުގައި ވާދަކުރަން ހޮވާފައިވާ ޗަންގެ ގޯލަކީ އޭނާ ސައުތު ޗައިނާއަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެކެވެ.

ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓްގެ ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައި ވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ޗެލެންޖުގެ ފައިނަލަށް ވޯޓުލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ އިރު، ދިވެހީން އަންނަނީ ފޯރިއާއެކު ދަގަނޑޭއަށް ވޯޓު އަޅަމުންނެވެ. އެންމެ ވަގުތުކޮޅަކަށްވެސް މެދުކަނޑައިނުލާކަން އެނގެނީ މިހާރުވެސް ފެންނަން އޮތް ނަތީޖާއިންނެވެ. ދަގަނޑޭއަށް ވޯޓުގެ 88.82 އިންސައްތަ ލިބިފައިވާ އިރު، މިހާތަނަށް އައިއިރު، ޗަން ސިއު ކީއަށް ލިބިފައި ވަނީ 11.19 އިންސައްތަ ވޯޓެވެ. ލީޑު ދެމެހެއްޓުމަކީ އުނދަގޫ މަސައްކަތެއް ނަމަވެސް ރާއްޖޭގެ ދިވެހި ސަޕޯޓަރުންނަށް ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. ދަގަނޑޭއަށްޓަކައި ވަގުތު ހުސްކޮށް، ދަގަނޑޭގެ ޝަރަފު ދަމަހައްޓާނެކަން ޔަގީނެވެ.

ވޯޓުލުމަށް ހުޅުވާލާފައިވާ މުއްދަތު 29 ވަނަ ދުވަހު މެންދުރަށް ހަމަވާއިރު، ސެމީ ފައިނަލުގައި ވިއެޓްނާމް ކުޅުންތެރިޔާއާ ވާދަކޮށްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އާބާދީ ބޮޑެތި އެ ގައުމުތަކުގެ ހަބަރުތަކުން ވޯޓު އަޅަން ބާރުއެޅުމާއެކު އަބަދުވެސް ނަތީޖާގެ ފަރަގު ކުޑަވެގެން ދާތަން ފެނެއެވެ. އެހެން ނަމަވެސް ދިވެހީން ހިތްވަރު ކޮށްފިނަމަ، އެކަން ނުހުއްޓުވޭނެ ކަމަށް ބޮޑު އިތުބާރެއް އޮންނާނެއެވެ.

ބްރެކެޓް ޗެލެންޖުގައި މިހާތަނަށް ދެއްކި ނަތީޖާތަކަށް ދަގަނޑޭ ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވާ އިރު، ސަޕޯޓަރުންނަށް ހާއްސަ ވައިބާ ގްރޫޕް މެދުވެރިކޮށް، މި ފައިނަލް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށްވެސް އެދިފައިވެއެވެ. ދަގަނޑޭ ބުނެފައިވަނީ ގައުމަށް ރީތި ނަމެއް ހޯދައިދެވޭނެ ކޮންމެ ފުރުސަތެއްގައި ބޭނުން ހިފާނީ ގައުމީ ވާޖިބެއް ކަމަށް ދެކިގެން ކަމަށެވެ.

ވޯޓު ދިނުމުގެ ލިންކް