ކުޅިވަރު

ރެއާލަށް މުހިންމު މޮޅެއް، ވިޑާލްއަށް ރަތް ކާޑު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އިންޓަ މިލާން ބަލިކޮށްފި އެވެ.

އިޓަލީގެ ސަން ސީރޯގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު އިންޓަ މިލާނަށް ވަނީ ކޮލިފިކޭޝަނަށް ވަރަށް ބޮޑަށް ފުރުސަތު ހަނިވެފަ އެވެ. މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވެވި އިންޓަ މިލާން ގުރޫޕް ބީގެ ތާވަލު ފުލުގައި އޮތީ ދެ ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުން މޮޅުވެ، ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ރެއާލް ދެވަނައިގައި އޮތް އިރު، އެ ގުރޫޕްގެ އެއްވަނައިގައި އޮތީ ބުރޫޝީއާ މޮންޗެންގްލެޑްބެޗެވެ. އެޓީމަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވެ އެވެ.

ޗެމްޕިއަންސް ލީގު 13 ފަހަރަށް ހޯދާފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް، ރޭގެ މެޗުގައި ލީޑު ނެގީ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. ޗެލްސީން ރެއާލަށް ބަދަލުވި ފަހުން އެޑެން ހަޒާޑް ޖެހި ފުރަތަމަ ޗެމްޕިއަންސް ލީގު ގޯލާއެކު ރެއާލުން ލީޑު ނެގި އިރު، ދެވަނަ ހާފުގައި ރެއާލުން ލީޑު ފުޅާކުރީ އިންޓަގެ އަޝްރަފު ހަކީމީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ރޭގެ މެޗުގެ 33 ވަނަ މިނެޓުގައި އިންޓަގެ ޗިލީ މިޑްފީލްޑަރު އަރުޓޫރޯ ވިޑާލަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ރެއާލްގެ ފްރާންސް ޑިފެންޑަރު ވަރާންގެ ޕްރެޝަރާއެކު ވިޑާލް އޭރިއާ ތެރެއަށް ވެއްޓި ޕެނެލްޓީއަކަށް އެޕީލް ކުރުމުން ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކީ ވިޑާލްގެ ޝަކުވާގެ ސަބަބުންނެވެ. އެކަމާ ހިތްހަމަ ނުޖެހި އިތުރަށް ރެފްރީއަށް ނުރުހުން ފާޅުކުރުމުން ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިތަން ފެނިގެންދިޔަ އެވެ.