ކުޅިވަރު

އިމާދު ލަތީފުގެ ކޮލަމް: މަރަޑޯނާއަށްޓަކައި ދިވެހިން އެންމެފުރަތަމަ ރުއި ދުވަހުގެ ވާހަކަ

އިމާދު ލަތީފު

1

އެއީ މީގެ ސައްބީސް އަހަރު ކުރިއެވެ. ދުވަހަކީ 1994 ވަނަ އަހަރުގެ ޖޫންމަހުގެ ތިރީސްވަނަ ދުވަހެވެ. އެއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެމެރިކާގައި ކުރިޔަށްދިޔަ ދުވަސްވަރެވެ. އެދުވަހަކީ މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އާޖެންޓީނާ ކުޅެން ޖެހޭ އެންމެ ފަހު މެޗުގައި ބަލްގޭރިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭ ދުވަހެވެ. އާޖެންޓީނާ ހިމެނުނީ ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ގްރީސްއާ ވާދަކޮށް ހަތަރެއް ސުމަކުން ވަނީ މޮޅުވެފައެވެ. އޭގެ ހަތަރު ދުވަސް ފަހުން ނައިޖީރިޔާއާ ވާދަކޮށް ދޭއް އެކަކުން މޮޅުވެގެން ޖުމްލަ ހަ ޕޮއިންޓާއެކު އާޖެންޓީނާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

ބަލްގޭރިޔާއާ ދެކޮޅަށް އާޖެންޓީނާ ނިކުތްދުވަހު މުޅިދުނިޔެއަށް ފެތުރިގެންދިޔަ ޚަބަރަކީ އާޖެންޓީނާގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމި ޚަބަރެވެ. މުބާރާތުގެ ތެރެއިން މަރަޑޯނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރި ކުރުމެއްގައި މަނާ ފަސްބާވަތެއްގެ ޑްރަގް ނުވަތަ ބޭހަކަށް މަރަޑޯނާ ޕޮޒިޓިވްވީއެވެ. މަނާ އެންމެ ބޭހެއް ނޫނެވެ. ބޭނުންކޮށްފައިވަނީ މަނާ ބޭސްތަކުގެ ކޮކްޓޭލެކެވެ. މަރަޑޯނާއަށް އެހިސާބުން ވޯލްޑްކަޕް ނިމުނީއެވެ. ދުނިޔެ ދުށް އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ކެރިއަރުވެސް ނިމުމަކަށް އައީއެވެ.

މުޅި ދުނިޔެއަށް ލިބުނީ ހައިރާން ކަމެކެވެ. އާޖެންޓީނާ އޮތީ ގަނޑުވެފައެވެ. މި ޚަބަރާއި އޭގެ ތަފްސީލު ދިވެހިންނަށް ދޭން ތިބީ އަޅުގަނޑާއި މުހައްމަދު ޝާހިދެވެ. ޓީވީއަށް މެޗުގެ ކުރިންނާއި މެޗުގެ ތެރެއިން އަދި މެޗުގެ ފަހުންވެސް އަރައިތިބެ ދިވެހިންނަށް މައުލޫމާތު ދޭން ތިބެނީ އަޅުގަނޑުމެން ދެމީހުންނެވެ. އެއީ އިންޓަރނެޓުގެ ޒަމާނެއް ނޫނެވެ. ހަވީރު ނޫހާއި އާފަތިސް ނޫހަށް ބޭރުގެ ނޫސް އެޖެންސީތަކުން ފޮނުވާ ޚަބަރު އަރަނީ އަޅުގަނޑުމެން ދެމީހުންގެ އަތަށެވެ. އެހެންވީމާ ހުރިހާ މައުލޫމާތަކާއި ޚަބަރުތަކެއް ހުންނަނީ އަޅުގަނޑުމެންގެ ބޮލުތެރޭގައެވެ. ޓީވީއަށް އަރައިތިބެ ބޭރުކުރަނީ އެ މައުލޫމާތުތަކެވެ.

އެރޭ ޓީވީއަށް އަރައިތިބެ މަރަޑޯނާގެ ވާހަކަ ނޫން އެހެން ވާހަކައެއް އަޅުގަނޑުމެން ނުދައްކަމެވެ. މަރަޑޯނާ ސަސްޕެންޑްކުރި ވާހަކަޔާއި ފީފާގެ ބަޔާނާއި މަރަޑޯނާގެ ރައްދާއި މިހެންގޮސް މިކަމާގުޅުންހުރި ހުރިހާ ވާހަކަތަކެއްގެ އެންމެ ފަހު މައުލޫމާތު ގެނެސްދިނީ އަޅުގަނޑުމެންނެވެ. ދިވެހިން ތިބީ އަޅުގަނޑުމެން ދެމީހުންނަށް ބަރޯސާކޮށްގެންނެވެ. ދިވެހިރާއްޖޭގައި މަރަޑޯނާގެ ހަގީގީ ސަޕޯޓް އޮތްވަރު އެރޭ ރޭކާލިއެވެ. ފޯންކޯލްތައް އަންނަ ވަރުންނެވެ. ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ވަރުންނެވެ. ޝޯތައް ނިންމާފައި ޓީވީ މޯލްޑިވްސްއިން އަޅުގަނޑުމެން ނިކުންނަ ވަގުތެއްގެ އިންތިޒާރުގައިވެސް މީހުން ތިބެއެވެ. އެއީވެސް ސުވާލުކޮށް އައު މައުލޫމާތު ލިބިގަތުމަށެވެ.

ރާއްޖޭގެ އެންމެ ގިނަބަޔަކު އޭރު ސަޕޯޓްކުރަނީ އާޖެންޓީނާއަށެވެ. އޭގެ ސިއްރަކީވެސް މަރަޑޯނާއެވެ. އޭގެ ކުރީ ދެފަހަރު ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދީ އެއްފަހަރު ތަށި ނަގައިދިނީވެސް މަރަޑޯނާގެ ހިތްވަރުންނެވެ. މިފަހަރުވެސް އާޖެންޓީނާ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ގްރީސްކޮޅަށް މަރަޑޯނާ ވަނީ ލަނޑު ޖަހައިފައެވެ. ދެވަނަ މެޗުގައި ނައިޖީރިޔާ އަތުން ދޭއް އެކަކުން އާޖެންޓީނާ މޮޅުވިއިރު މި ދެގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މަރަޑޯނާއެވެ. އެހެންވީމާ މަރަޑޯނާ އާއި އާޖެންޓީނާގެ ސަޕޯޓަރުން ޝައްކުކުރީ މިކަމަކީ އާޖެންޓީނާއަށް ހަސަދަވެރިވާ މީހުންގެ ރޭވުމެއް ކަމުގައެވެ.

މަރަޑޯނާވެސް ބުނަމުންދިޔައީ އެޒާތުގެ ވާހަކައެކެވެ. ފީފާއިން އޭނާއަށް ދޯކާދިން ވާހަކައެވެ. ކޮންމެއަކަސް މަރަޑޯނާ ނެތި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗަކީ ގްރޫޕް ފިޔަވަހީގައި އާޖެންޓީނާގެ ފަހު މެޗެވެ. އެއީ ބަލްގޭރިޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. މަރަޑޯނާ ނެތުމަކީ އާޖެންޓީނާއަށް ހުންގާނު ނެތުމެކެވެ. ބަލްގޭރިޔާ އަތުން ދޭއް ސުމަކުން ބަލިވީއެވެ. ބަލި ނުވެ ފަރުޖެއްސުނު ނަމަ ގްރޫޕުގެ އެއްވަނަ ލިބޭން އޮތެވެ. ބަލިވީމާ ލިބުނީ ގްރޫޕުގެ ތިންވަނައެވެ. އެކަމަކު ނަސީބަކުން ދެވަނަ ބުރުގެ ޖާގައެއް ލިބުނެވެ.

ބަލްގޭރިޔާ އަތުން ބަލިވި ބަލިވުމަކީ މަރަޑޯނާ ނެތުމުގެ ނަތީޖާކަމަށް ހީކުރެވުނަސް އޭގެ ހަތަރު ދުވަސް ފަހުން ޖުލައި ތިނެއްގައި މުބާރާތުގެ ދެވަނަ ބުރުގައި ރުމޭނިޔާ އަތުން ފަސޭހަކޮށް އާޖެންޓީނާ މޮޅުވާނޭ ކަމަށް ސަޕޯޓަރުން ހީކުރިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. ރުމޭނިޔާ އަތުން ތިނެއް ދެއަކުން ބަލިވެ އާޖެންޓީނާ ކެޓީއެވެ. މަރަޑޯނާ ނެތި ކުޅުނު ދެ މެޗުންވެސް ބަލިވީއެވެ. އެރޭވެސް މަރަޑޯނާ ހުރުމާއި ނެތުމުގެ ތަފާތު ނޫން ވާހަކައެއް އަޅުގަނޑުމެން ނުދައްކަމެވެ. ޝޯ ބަލަން ތިބޭ މީހުންގެ ފޯނުކޯލްތަކަށް ހުޅުވައިލީމާ އެމީހުންވެސް ސުވާލުކުރަނީ މަރަޑޯނާގެ ވާހަކައިންނެވެ. މަރަޑޯނާ ނުކުޅޭ ވޯލްޑްކަޕެއް ބަލަންވެސް ދިވެހިން ނުރުހެއެވެ.

ކޮންމެއަކަސް ކުޅުންތެރިއެއްގެ ގޮތުގައި އެއީ ދިވެހިންނަށްވެސް އަދި މުޅި ދުނިޔެއަށްވެސް މަރަޑޯނާ ގެެއްލުނު ފަހަރެވެ. ބޭރުގެ ކުޅިވަރު ޚަބަރުތަކާއި ދިވެހީންނާ ދޭތެރޭގައި އޭރުގެ ފާލަމަކީ އަޅުގަނޑާއި ޝާހިދެވެ. އެހެންވީމާ މަރަޑޯނާގެ ފުރަތަމަ ވަކިވުމާ ގުޅިގެން ދިވެހިން ރުއި މިންވަރު އަޅުގަނޑުމެންނަށް އޮތީ ފެނިފައެވެ. އޭގެ ސައްބީސް އަހަރު ފަހުން އިއްޔެ މަރަޑޯނާ ވަނީ މި ދުނިޔެއަށްވެސް އަލްވިދާއު ކިޔައިފައެވެ. މަރަޑޯނާގެ ހަޔާތް ނިމުމަކަށް އައުމުގެ ހިތާމައިގައި ދިވެހިން ބައިވެރިވީ މިންވަރުވެސް ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް މިވަނީ ފެނިފައެވެ. އަޅުގަޑުމެންގެ ތެރެއިންވާ ހީރޯއަކު ވަކިވެގެންދިޔުމެކޭ ތަފާތެއް ނެތެވެ.