ކޮވިޑް-19އާ ގުޅިގެން މާލޭ ހިޔާ ފުރަގަހުގައި ހަދާފައިވާ ފްލޫ ކްލިނިކުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ފްލޫ ކްލިނިކުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ސެނެހިޔާގައި ހިންގަމުން އަންނަ ފްލޫ ކްލިނިކުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ލިބޭނެ ކަމަށެވެ.

މާލޭ ހިޔާ ފުރަގަހުގައި ހިންގަމުން އަންނަ ފްލޫ ކްލިނިކުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާއިރު، މާލޭ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ.

އޭގެ އިތުރުން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން އިތުރުވަމުން އަންނަ ކަމަށް ވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،810 އަށް އަރާފައިވާއިރު އެބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 11،660 މީހެކެވެ. އަދި ބަލީގައި 46 މީހަކު ވަނީ މަރުވެފަ އެވެ.