ޚަބަރު

ރާއްޖޭގައި އޮލިމްޕިކް ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

"ދަ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް"ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީ އާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ޗައިނާގެ ސީއެމްއީސީ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ރިޕްރެޒެންޓޭޓިވް ލިއު ޒައިއޯޑާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޕޯސަލަކީ 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން 2019 ވަނަ އަހަރު ކުރި އިއުލާނާ ގުޅިގެން ޗައިނާގެ ސީއެމްއީސީން ހުޅަހަޅާފައިވާ ޕްރޮޕޯސަލެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ މި ޕްރޮޖެކްޓުގެ ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން މި މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޗައިނާގެ ސީއެމްއީސީއާއެކު ވެވުނު ފްރޭމްވޯކް އެއްބަސްވުމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ސީއެމްއީސީ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވަނީ، ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ ސީޓިންގް ކެޕޭސިޓީގެ އިތުރުން ސިންތެޓިކް ރޭސް ޓްރެކެއް، ފުޓުބޯޅަ ދަނޑެއް، އަދި އެހެން ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ހާއްސަ ޖާގަތައް ހިމަނައިގެން ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރެއްވި ދަތުރުފުޅުގައި ވެސް މި މަޝްރޫއުއާ ގުޅިގެން ޗައިނާގެ ސީއެމްއީސީ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމަކީ މި މަޝްރޫއާ ގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީއެމްއީސީގެ ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހެޅުމަށް ވެވުނު އެއްބަސްވުމެކެވެ.