ޚަބަރު

ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައި ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމު ގޮވާލައްވައިފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބެއްގައި ނައިބު ރައީސް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ވަކި ގައުމަކަށް ހާއްސަ މައްސަލަތަކެއް ނޫން ކަމަށެވެ.

އެގޮތުން އެފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެމީހުންނަކީ އިހްތިރާމް ލިބިގެންވާ، ގަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ، އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެ ވެސް ހިސާބެއްގައި، ކޮންމެ ވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ގިނަ ފަހަރަށް ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

އެފަދަ އަނިޔާތަކާ ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، ކޮވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި އެ މީހުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމާއި އަންހެނުންގެ ހައްގުތަކަށް އަރައި ގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށެވެ.