މާލޭ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައި އޮއްވައި އިއްޔެ ފެނުނު މީހާ މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ ހިސާބުގެ ސީސީޓީވީ ފުޓޭޖް ބެލި އިރު، އިއްޔެ ހެނދުނު 09:29 ހާއިރު އެ މީހާ އަމިއްލައަށް މޫދަށް އެރޭ މަންޒަރު ފެންނަ ކަމަށެވެ. އެމީހާ މޫދަށް އެރޭތާ ކުޑަ އިރުކޮޅެއްގެ ފަހުން އޭނާގެ ހަށިގަނޑު ހަރަކާތެއް ނެތި ފެންމަތީ އޮންނަ މަންޒަރު ފެންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ފަޅުތެރޭގައި މަރުވެފައި އޮއްވައި އިއްޔެ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ 58 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.