ޔޫއެފާ ޗެމްޕިއަންސް ލީގު

ފަހުވަގުތު ޖިރޫ ޖެހި ގޯލާއެކު ޗެލްސީ ގަދަ 16 އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުން މޮޅުވެ، އެޓީމުން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވައި ޗެލްސީން ގަދަ 16 ޔަގީން ކޮށްފައިވަނީ ރޭގެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ރޭ ޗެލްސީން ޖެހި ދެވަނަ ގޯލަކީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ބެންޗުން ކުޅެން ނުކުތް އޮލިވިއާ ޖިރޫ ޖަހައިދިން ގޯލެކެވެ.

މިހާތަނަށް ސީޒަނުގައި 127 މިނެޓް ކުޅެފައިވާ ޖިރޫއަށް ޗެލްސީ ޖާޒީގައި އެކަށީގެންވާ ވަރަށް ކުޅުމުގެ ވަގުތު ނުލިބޭތީ ގައުމީ ޓީމުގެ ކޯޗުވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޖިރޫވެސް ވަނީ ބުނެފައެވެ. ރަނގަޅު ފޯމެއްގައި ގައުމީ ޓީމަށް ކުޅެ، ގޯލުތަކެއްވެސް ޖަހަމުން އަންނަ ޖިރޫއަށް ޗެލްސީގައި ދިމާވާ މައްސަލައަކީ އެކަށީގެންވާ ވަރަށް ކުޅުމުގެ ވަގުތު ނުލިބުމެވެ. އަންނަ އަހަރުގެ ޔޫރޯއަށް ފްރާންސްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ޖިރޫއަށް ކުޅުމުގެ ވަގުތު ގިނައިން ހޯދުން މުހިންމެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ޑޮމިނޭޓްކޮށް، ހަމަލާތައް އުފައްދާފައިވެއެވެ. ހާފު ނިންމައިލީ ލީޑުގައިވެސް އޮވެގެންނެވެ. ހަޑްސަން އޮޑޯއީގެ ގޯލާއެކު ޗެލްސީން ލީޑު ނަގާފައިވާ އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މޭސަން މައުންޓްގެ ހިތްގައިމު ޕާހަކުންނެވެ.

ދެވަނަ ހާފުގެ ބޮޑު ބައެއްގައި ޗެލްސީއަށް ޖެހުނީ ޑިފެންސް ކުރާށެވެ. ޗެލްސީން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ރެސްޓް ކުރި، ތިއާގޯ ސިލްވާ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، ރެނެސްއަށް ކުރިން ކުޅުނު ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ފަރާތުން ރޭގެ މެޗުގައި މޮޅު ދެ ސޭވްއެއް ފެނިފައިވެއެވެ.

މެޗު ނިމެން ހަތް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ރެނެސްގެ ގުއިރަސީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ޗެލްސީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ.

ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ޗެލްސީން ގަދަ 16 ޔަގީން ކޮށްފައިވާ އިރު، އެ ގްރޫޕުގެ ސެވިއްޔާއަށްވެސް ވަނީ ގަދަ 16 ޔަގީން ވެފައެވެ. ގްރޫޕްގައި ކުޅުނު ހަތަރު މެޗުން ޗެލްސީއަށް 10 ޕޮއިންޓް ލިބިފައިވާ އިރު، ސެވިއްޔާއަށްވެސް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ.