ދުނިޔެ

ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން 95 އިންސައްތަ ކާމިޔާބު

މުހައްމަދު އައުޒަމް

ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން 95 އިންސައްތަ ކާމިޔާބު ކަމަށް ދައްކައިފިއެވެ.

ރަޝިޔާގެ ސްޕުޓްނިކް ވީ ކޮވިޑް ވެކްސިންގެ ޕްރިލިމިނަރީ ޑޭޓާ އިން ދައްކާގޮތުން ވެކްސިންގެ ރައްކާތެރިކަން 95 އިންސައްތައިގައި ހުރި ކަމަށް ދައްކާފައިވެއެވެ.

ރަޝިޔާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އޮސްފޯޑުގެ އެސްޓްރާޒެނެކާ އާއި ފައިޒާގެ ވެކްސިނަށްވުރެ ސްޕުޓްނިކް ވެކްސިންގެ ނަތީޖާ ރަނގަޅު ކަމަށް ދައްކައެވެ.

ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ އިސްވެރިޔާ ކިރިލް ޑިމިޓްރެވް ވިދާޅުވީ މި ލިބުނު އުފާވެރި ހަބަރަކީ ހަމައެކަނި ރަޝިޔާއަށް ލިބުނު އުފާވެރި ހަބަރެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔެއަށް ލިބުނު އުފަލެއް ކަމަށެވެ.

ރަޝިޔާގެ ސްޕުޓްނިކް ވީ ކޮވިޑް ވެކްސިންގެ ޓެސްޓުތަކުގައި 19،000 މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ދީފައެވެ. އަދި 21،000 މީހުންނަށް ވެކްސިންގެ އެއް ޑޯޒް ދިނުމަށްފަހު 42 ދުވަސް ވަންދެން ތަހުލީލު ކޮށްފައިވެއެވެ.