ޔޫރަޕްގެ ގައުމުތަަކަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީ މައާފުކުރުމަށް ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު މިއަދު ބޭއްވި ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބައްދަލުވުމުގައެވެ.
މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ޑައިލޮގް ބާއްވާފައިވަނީ ވާޗުއަލް ކޮށެވެ.
ފޮރިން މިނިސްޓްރީން ބުނީ، އީޔޫއާއެކުގައި ބޭއްވި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޑިމޮކްރަސީ، ހިންގުމުގެ ދާއިރާ، ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުން، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކުރިއެރުވުން، ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުން، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުން، މަސްވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުން، އިގުތިސޯދު، ވިޔަފާރިއާއި އިންވެސްޓްމަންޓް، މާލީ ދާއިރާ އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ވިޔަފާރީގެ ދާއިރާއިން އީޔޫއާއެކު އޮންނަ ގުޅުންތައް އިތުރުކޮށް، ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ. އަދި ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން ދިވެހި ކަނޑުމަހުގެ ބާވަތްތައް އީޔޫއަށް އެތެރެކުރުމަށް ޑިއުޓީ މައާފުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުގުވެރިކަން އީޔޫގެ ސަފީރުން ފާޅުކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އީޔޫއިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި، އެ ދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ރާއްޖެއިން އެދިފައިވާތީ އެކަމާ ގުޅޭގޮތުން ޔޫރަޕްގެ ގައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ ޖާމަނީ، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާއަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން އެކްޓިން ޖެންޑާ މިނިސްޓަރު ބައިވެރިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ފުލުހުންވެސް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު