ރިޕޯޓް

ގައިޑްލައިންގައި މަނާވިޔަސް ރެސްޓޯރެންޓުތަކުގެ "ނައިޓްކުލަބް" ކޮޓަރިތަކުގައި ޝީޝާވިޔަފާރި ބާރަށް ކުރިޔަށް

އަހުމަދު ސާއިލް އަލީ

4

ގަލޮޅު ސަހަރާ ކައިރި ހުރި އިމާރާތެއްގެ ދެވަނަ ބުރީގައި ހިންގާ ރެސްޓޯރެންޓެކެވެ. އެތަނަށް ވަތްއިރު ކަމަކު ދާކަށް ނެތެވެ. ދުމުން މުޅި ރެސްޓޯރެންޓް ތެރެ އޮތީ ފުރިފަ އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަހަރުގެ މާޗް މަހުން ފެށިގެން ޝީޝާ ވިއްކުން މަނާ ކޮށްފައި އޮތަސް ފާޅުގައި އެ ވިޔަފާރި ކޮށް ނަގަނީ އެވެ. އެތައް މޭޒެއްގައި ގުރޫޕު ހަދައިފައި މީހުން ތިއްބެވެ. ގިނައީ ޒުވާން ފިރިހެނުންނާއި އަންހެނުންނެވެ. ހަމަ އެކަކުބޮއެ ނިމުމުން އަނެ ކަކަށް ދިއްކޮށްލަ އެވެ. މަނާ އެ ވިޔަފާރި ފާޅުގައި ކުރަނީ އެވެ.

ބޭކަރީއެއްގެ މަތީގައި ހިންގާ އެ ރެސްޓޯރެންޓުން ރޭގަނޑުގެ ދަންވަރު ވެސް އެ ވިޔަފާރި ކުރެ އެވެ. ކެއިންބުއިމުގެ ހިދުމަތް ދޭތަންތަން ބަންދު ކުރަން އަންގާފައިވާ ވަގުތު ވެސް އެ ވިޔަފާރިއަށް މަނާކަމެއް ނެތް ކަހަލަ އެވެ. "ވަން އޮންލައިން" ގެ ނޫސްވެރިން އެކަން ހިނގާ ގޮތް ބަލަން ދިޔައިރު ސަރުކާރު ކޯލިޝަންގެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރަކު ވެސް އެޗްޕީއޭއިން މި ދުވަސްވަރަށް މަނާކޮށްފައިވާ ޝީޝާ ބައްލަވައިގަނެ ދުންފަތުގެ އިސްތިއުމާލު ކުރައްވަން އިންނަވަނިކޮށް ވަނީ ފެނިފަ އެވެ.

ހަމަ އެކަނި އެ ރެސްޓޯރެންޓެއް ނޫނެވެ. ކަލާފާނު ހިނގުމުގައި ވެސް ޝީޝާގެ ވިޔަފާރި މިހާރު ވެސް ކުރާ ރެސްޓޯރެންޓެއް އެބަ ހިންގަ އެވެ. ހުޅުމާލޭ ޝްވެކް ސިނަމާ ކައިރީގައި ވެސް އެފަދަ ކެފޭއެއް އެބަ ހިންގަ އެވެ. "ވަން އޮންލައިން" ގެ ނޫސްވެރިން އެތަންތަނަށް ގޮސް އެ ވިޔަފާރި ކުރާ ގޮތް ވަނީ ބަލައި ޔަގީން ކޮށްފަ އެވެ.

ހުޅުމާލޭ ޝްވެކް ސިނަމާ ކައިރީ ހުންނަ ކެފޭ އަށް ވަންނަ އިރު އަދި އެތަނުގައި ޝީޝާ ވިއްކާކަމެއް ނޭނގެ އެވެ. ވެއިޓަރުން ގާތު އެ ހިދުމަތަށް އެދުމުން ވައްދަނީ ވަކި ކޮޓަރިއަކަށެވެ. އެ ކޮޓަރި އިންތިހާއަށް އަނދިރި އެވެ. ޑިސްކޯ ލައިޓްތައް އަޅުވާފައި ހުރިއިރު ހަތް ވަރަކަށް މޭޒް ހުއްޓެވެ. ކޮންމެ މޭޒެއްގައި ހަތަރު މީހުންނަށް ތިބެވޭ ގޮތަށެވެ. މިފަހަކުން އެއް ރެއަކު އެތަނަށް ދިޔައިރު މުޅި ތަން އޮތީ ފުރިފަ އެވެ. ގިނައީ ދެ ޖިންސުގެ ދިވެހި ޒުވާނުންނެވެ. ހިދުމަތް ދޭން ތިބީ މުޅިން ވެސް ބިދޭސީންނެވެ. ބިލް ދައްކަން ދިން އެކައުންޓް ނަމްބަރަކީ ވެސް ބިދޭސީއެއްގެ ނަން މަތީ އޮތް އެކައުންޓެކެވެ. އެހެންކަމުން އެއީ ބިދޭސީން ހިންގާ ތަނެއްކަން ވަރަށް ޔަގީނެވެ.

މާލޭގައި ޝީޝާގެ ވިޔަފާރި ކުރާ ބައެއް ތަންތަން ހުންނަނީ ތިރިން ތަޅުލައިފަ އެވެ. އެތަންތަން ހުޅުވައި ދެނީ އާއްމުކޮށް އެތަނަށް ހިދުމަތް ހޯދަން ދާ މީހަކު ވެއިޓަރަކަށް ގުޅުމުންނެވެ. ކަސްޓަމަރުން ވެއްދުމަށް ފަހު އަނެއްކާ ވެސް ތަޅުލަ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެހެން އެ ހަދަނީ އެޗްޕީއޭއިން ނުވަތަ ފުލުހުން އެތަންތަން ބަލައިފާސްކުރަން ވަދެފާނެތީ އެވެ.

އެތައް ބަޔަކު އެއްވެ ތިބެ ބޮއެ ހަދާ، ޝީޝާއަކީ ކޮވިޑް-19 ބަލި ފެތުރެން އޮތް ބޮޑު ފުރުސަތަކަށް ވާއިރު އެ ވިޔަފާރިއަށް ހުއްޓުމެއް ނެތެވެ. ޝީޝާއަކަށް އޯޑަރު ދިނުމުން ވެއިޓަރަކު އެ ކަސްޓަމަރުންނާ ހަމައަށް ގެންނަނީ ވެސް ބޮމުންނެވެ. އެއީ ޝީޝާގެ މަތީގައި ބާއްވައިފައި ކޮއިލް ރޯކުރުމަށެވެ. އެގޮތަށް ބޮމުން ބޮމުން އެކި ވެއިޓަރުން އެ ޝީޝާ ގެނެސް ބެހެއްޓުމާއެކު މޭޒުތަކުގައި ތިބޭ މީހުން އެކަކު ބޮއެފައި އަނެކަކަށް ޝީޝާ ދެމުން ދިޔަ އެވެ.

ޝީޝާ ބުއިމަކީ ސިއްހަތަށް ކިތަންމެ ނުރައްކާ ކަމެއް ނަމަވެސް އެއީ ދިވެހިންގެ ތެރޭގައި މަގުބޫލު ވެފައިވާ ކަމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ. ޝީޝާއަށް ހާއްސަ އެތައް ކެފޭއެއް މާލޭގައި ހިންގަ އެވެ. އެތަންތަނުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. މަނާ ނަމަވެސް އެތަންތަނުގައި ނައިޓް ކްލަބްތަކާ ވައްތަރު ސިފަ ޖައްސައި، ލައިޓް އެޅުވުމާ އެކު އަނދިރިކޮށްގެން ހިންގަ އެވެ.

މަނާކޮށްފައި ވަނިކޮށް ޝީޝާގެ ވިޔަފާރި މާލޭގައި ފުޅާ ދާއިރާއެއްގައި ކުރާ މައްސަލައާ ގުޅޭގޮތުން އެޗްޕީއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކޮވިޑް-19 ފެތުރެން މަގެއް، ސިއްހަތަށް ނުރައްކަލެއް!

ޝީޝާ އަކީ ކޮވިޑް-19 ބަލި ފެތުރުމަށް މަގުފަހިވާ އެއްޗެއް ކަމަށް އެޗްޕީއޭއިން ކުރިން ވެސް ބުނެފައި ވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ލަފާ ދެނީ ޝީޝާ ބުއިން ހުއްޓާލުމަށެވެ. ކޮވިޑް-19 ފެތުރުމުގެ އިތުރުން ސިއްހީ އެހެން ބޮޑެތި މައްސަލަތައް ވެސް ކުރިމަތި ވާތީ އެވެ.

އެޗްޕީއޭން ކުރިން ބުނީ ޝީޝާ އާއި ގުޑުގުޑާ ފަދަ ތަކެތި، އެކަކަށް ވުރެ ގިނަ މީހުން ބޭނުން ކުރުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޝީޝާ އަކީ އެއް ތުނބެއް ބޭނުން ކޮށްގެން ގިނަ ބަޔަކު ބޯ އެއްޗަކަށް ވާއިރު އެއިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އިންފެކްޝަން އެރުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އައިޝަތު އަރޫނާ ވިދާޅުވިގޮތުގައި ޝީޝާ އަކީ އެކަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެއްޗަކަށް ވާއިރު އެއިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އިންފެކްޝަން އެރުމުގެ ފުރުސަތު އާދަޔާ ހިލާފަށް ބޮޑެވެ.

"އިންފެކްޝަންތައް ދާނެ ޓިއުބުތަކަށް، ސާފު ކުރިޔަސް ޓިއުބުތަކުގައި ހުންނާނެ. ޝީޝާއަކީ ދުންފަތުގެ ބާވަތުގެ ތެރެއިން ވެސް ނުރައްކާތެރި އެއްޗެއް." އަރޫނާ ވިދާޅުވި އެވެ.

ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަރޫނާ ވިދާޅުވިގޮތުގައި މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކޮވިޑް-19 ގައި ހާލު ބޮޑުވެ މަރުވުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ 14 ގުނަ އިތުރު ކަން ކޮވިޑާއި ގުޅިގެން އެންމެ ފުޅާމިނަކުން ހެދިފައިވާ ރިސާޗްތަކުން ދައްކަ އެވެ.

ކޮވިޑް-19 ފެތުރުން މަދު ކުރުމަށް ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ޝީޝާގެ ވިޔަފާރި މަނާ ކުރި އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ގަތަރާއި ޕާކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ޓެންޒޭނިޔާ ފަދަ ބައެއް ގައުމުތަކުން ގާނޫނީ ގޮތުން ވެސް ވަނީ ޝީޝާ ބުއިން އެއްކޮށް މަނާކޮށްފަ އެވެ.

ފަހުގެ ސިއްހީ ދިރާސާތަކުން އެނގޭ ގޮތުގައި ޝީޝާ ބުއިމަކީ ވަރަށް ވެސް ނުރައްކާތެރި އަދި އޭގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. ދިރާސާގެ އަލީގައި ޑޮކްޓަރުން ބުނަނީ ޝީޝާ ބުއިމަކީ ސިނގިރޭޓް ބުއިމަށް ވުރެ ގެއްލުން ކުޑަ ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އޮޅުވައިލަން ދައްކާ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އިނގިރޭސި ވިލާތުގެ ހާޓް ފައުންޑޭޝަނުން ބުނާގޮތުގައި އެއް ގަޑިއިރުވަންދެން ޝީޝާ ބުއިމަކީ 100 ސިނގިރޭޓް ބުއިމާ އެއްފަދަ ކަމެކެވެ. އެހެންކަމުން ޝީޝާ ބޯ މީހުންނަށް ވެސް ސިނގިރޭޓް ބޯ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ކަމަށްވާ ހިތުގެ ނުރައްކާތެރި ބަލިތަކާއި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތަކައި ބަލިވެ އިނުމުގައި ދިމާވާ މައްސަލަތައް ދިމާވެ އެވެ.

"ޝީޝާގެ ޒަރިއްޔާއިން ޓީބީ، އިންފްލުއެންޒާ، ހެޕަޓައިޓިސް ބީ، އެޕްސްޓައިން ބާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރޭކަން ރިސާޗްތަކުން ދައްކާ. ޝީޝާއަކީ ރާއްޖޭގައި ވެސް މަނާ ކުރަން ޖެހޭ އެއްޗެއް،" ޑރ. އަރޫނާ ވިދާޅުވި އެވެ.

އެއީ ކިތަންމެ ނުރައްކާތެރި އިސްތިއުމާލެއް ނަމަވެސް ޒުވާނުންނަށް އެކަން މައްސަލައަކަށް ނުވެ އެވެ. އެއީ ކަމާބެހޭ އިދާރާތަކުން މިކަންކަމާ ސީރިއަސް ވާން ޖެހޭ ސަބަބެވެ. އެ އިސްތިއުމާލަށް ޒުވާނުން ދެވި ހިފާފައިވާއިރު އޭގެ ސަބަބުން އެތައް ބަޔަކު ބަލި އެނދުގައި އޮންނަން ޖެހި ގައުމުގެ އުފެއްދުންތެރި ކަމަށް އަސަރު ކުރުމުގެ ބިރު ބޮޑެވެ. ހާއްސަކޮށް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިކަން މިހާރުން މިހާރަށް މަނާ ކުރަން ޖެހެ އެވެ. މަނާ ވާހަކަ އޮތީ ސާކިއުލާގަ އެވެ. ފާޅުގައި އެ ވިޔަފާރި އެބަ ކުރެ އެވެ. ނުހުއްޓުވެ އެވެ.