އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު، 3-0ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބު ކޮށްފި އެވެ.

ރޭ އެންފީލްޑުގައި ކުޅުނު މެޗަށް ލިވަޕޫލުން ނުކުތީ މާޔޫސްކަމުގަ އެވެ. ސީޒަންގެ ކުރީކޮޅުގައި އެޓީމުން ސެންޓާ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ބޮޑު އަނިޔާއެއްވެ، އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާއިރު، އޭނާއާއެކު އާންމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ޑިފެންޑަރު ޖޯ ގޮމޭޒްއަށް ވެސް ސީޒަންގެ ބޮޑު ބައެއް އަނިޔާގެ ސަބަބުން ގެއްލޭނެކަން ވަނީ ޔަގީންވެފަ އެވެ.

އެ އަނިޔާތަކުގެ ތެރޭގައި އުޅެނިކޮށް، ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި މުހައްމަދު ސަލާހަށް ކޮވިޑް ޖެހި، އޭނާވެސް ކަރަންޓީނުގައި ހުރި އިރު، އަލަށް މި ސީޒަނަށް ލިވަޕޫލާ ގުޅުނު ތިއާގޯ އަލްކަންޓްރާ ވެސް ހުރީ އަނިޔާގަ އެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް ވެސް އަނިޔާވެ، ރޭގެ މެޗުގައި ކުޅެފައި ނުވާއިރު، އިންޓަނޭޝަނަލް ބްރޭކުގައި އަނިޔާވި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވެސް މެޗުގައި ކުޅެފައެއް ނުވެ އެވެ. ރޭގެ މެޗުގެ ކުރިން ފަބީނިއޯއަށް ވެސް ނުކުޅެވޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، މެޗުގެ 11 ގައި އޭނާ ކުޅެފައިވެ އެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ފެނގެންދިޔައީ 21 ވަނަ މިނެޓުގައެވެ. އެއީ ލެސްޓާގެ ޑިފެންޑަރު ޖޯނީ އީވަންސްގެ ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ހާފް ނިމެން ދަނިކޮށް ލިވަޕޫލުން ލީޑު ފުޅާ ކުރި އެވެ. އެންޑީ ރޮބާޓްސަންގެ ނުރައްކާތެރި ހުރަހަކުން ޑިއޭގޯ ޖޮޓާ އެ ގޯލް ޖެހި އިރު، 86 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލަށް ތިންވަނަ ގޯލު ޖަހައިދީފަ އެވެ.

ލިވަޕޫލަށް ރޭގެ މެޗުގައި ނަތީޖާގެ ފަރަގު ބޮޑުކުރަން ވެސް ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. ފިރްމީނޯ އާއި މާނޭގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިފައިވެ އެވެ. މާނޭގެ ހަމަލާއެއްގެ އިތުރުން ފިރްމީނޯގެ ދެ ހަމަލާއެއް ވެސް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ލެސްޓާ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްގެ މޮޅު ސޭވްތަކެއް ވެސް މެޗުގައި ފެނިގެންދިޔަ އެވެ.

އަނިޔާގެ އެތައް މައްސަލަތަކަކާއެކު ކުޅެމުންދިޔަ ނަމަވެސް ލިވަޕޫލަކީ އަދިވެސް ތައްޓަށް ވާދަކުރާނެ ޓީމެއްކަން ރޭގެ މެޗުގެ ކުޅުމުން ފާހަގަވެގެން ގޮސްފައިވެ އެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް އާއި ލިވަޕޫލަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ތާވަލުގެ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.