އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯޓެކް ގުޅިގެން، ކޮވިޑް-19 އަށް އުފެއްދި "ފައިޒާ" ވެކްސިން ބޭނުންކުރުމަށް އަންނަ މަހު ހުއްދަ ދޭން ނިންމައިފި އެވެ.

އެމެރިކާގެ ވެކްސިން ޕްރޮގްރާމްގެ އެންމެ އިސްވެރިޔާ ޑރ. މޮންސެފް ސަލުއޯއާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، ފައިޒާ ވެކްސިން އަންނަ މަހުގެ 11ގައި ބޭނުން ކުރެވޭވަރުވާނެ ކަމަށެވެ. އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއެކު 24 ގަޑިއިރުތެރޭ ވެކްސިން ދޭ މަރުކަޒުތަކަށް އެ ވެކްސިން ފޮނުވޭ ވަރަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފައިޒާ ވެކްސިނަށް ހުއްދަ ދިނުމަށް އެދި މިހާރު ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވެސް ހުށަހަޅައިފަ އެވެ. ފައިޒާއިން ވަނީ އެ ވެކްސިންގެ އެންމެ ފަހުގެ މަރުހަލާގައި 95 އިންސައްތަ ކާމިޔާބު ނަތީޖާއެއް ނެރެވިފައިވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ ރައްޔިތުން އެގައުމުން ކޮވިޑްގެ ވެކްސިން އަކަށް އިންތިޒާރު ކުރަމުން އަންނައިރު އެމެރިކާގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 12 މިލިއަނަށް އަރައިފަ އެވެ. އަދި އެބަލީގައި އެގައުމުން މިހާތަނަށް 255،000 މީހުން ވަނީ މަރުވެފަ އެވެ.