މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން މަދުވެގެން ދެތިން މަސް ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުގެ ކޭސްތައް މާލޭ ސަރަހައްދުގައި މަދުވި ނަމަވެސް ކޮވިޑުގެ ނުރައްކާ ކުޑަ ނުވާ ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވިއެވެ.

"މި ބައްޔަށް ވުރެ ކުރިއަށް އަޅުގަނޑުމެންނަށް އެރޭނީ އަވަހަށް ބަލި ހޯދައި ބަލި ޖެހިފައި ތިބި މީހުން ހޯދައި އެމީހުން އައިސޮލޭޓްކޮށް، ބައްޔަށް ހުށަހެޅިފައި ތިބި މީހުން ހޯދައި އެމީހުން ކަރަންޓީނު ކުރެވިގެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުގެ ވެކްސިނެއް ލިބުމުގެ އުންމީދުތައް އާވެފައިވާ އިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން މަދުވެގެން ދެތިން މަސް ދުވަސް ނަގާނެ ކަމަށެވެ.

"ވެކްސިނެއް އަޅުގަނޑުމެންނަށް ލިބުމުގެ މަގުމަތީގައި އުޅުނު ކަމުގައިވީ ނަމަވެސް، މިކަހަލަ ވާހަކަތަކެއް ދެކެވުނަސް ޕޮޕިއުލޭޝަންގެ ބޮޑުބަޔަކަށް ވެކްސިން ޖެހި އޭގެ ސަބަބުން ރައްކާތެރިކަން ލިބި މިހާރު މިހުރި މެޝާސްތައް ދޫކޮށްލެވޭނެ ދުވަހެއް ހިޔެއް ނުވޭ ކުރިއަށް އޮތް ދެތިން މަސްތެރޭގައި އަންނާނެހެނެއް. އެއަށްވުރެ ގިނަ ދުވަސް ނަގާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން މާސްކް އެެޅުން މަޖުބޫރުކުރުމާއި ވަކި ގަޑިއެއްގައި ކާފިއު ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ބަލަނީ ކޮވިޑް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިންގަނޑެއްގެ ގޮތުގައި ބަލާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ދަށްވުމުންނެވެ. ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯގެ ހަތަރެއްގެ މާނައަކީ "މޫވް އޭސް އިން އީޒް ޕްލޭން" ނުވަތަ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީގެން ކުރިއަށްދެވޭނެ ކަމެވެ