ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 107 އަށް އަރާފައިވާ ކަމަށާއި 125 ކޮންޓެކްޓުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރަށްފަޅުހުރާ ހިއްކައިގެން ރިސޯޓް ތަރައްގީކުރަމުން އަންނަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ.

ރަށްފަޅުހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރަށްފަޅުހުރާއިން މިހާތަަނަށް 107 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 125 މީހުން ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

"މިއަދު އިތުރު 140 ސާމްޕަލް މިވަނީ ނެގިފައި. އެއީ ބަލީގެ އަލާމާތްތައް ހުރި މީހުންގެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ ލިބި ނިމޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރަށްފަޅުހުރާއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް ވަނީ ރަށްފަޅުހުރާގެ ހަތަރު ރަށަށް ދަތުރުކޮށް އެސެސްމަންޓެއް ހަދައިފައެވެ.

ރަށްފަޅުހުރާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެ ރަށުން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރަށްފަޅުހުރާ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ.