ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށް ޔުވެންޓަސްގެ ކޯޗު އެންދުރޭ ޕިރްލޯ ބުނެފިއެވެ.

ރޭ ޔުވެންޓަސްއިން ކަގްލިއަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އެއީ ރޮނާލްޑޯ މި ސީޒަނުގައި ޖެހި އަށްވަނަ ގޯލެވެ. ކޮވިޑް 19 ޖެހިގެން ރޮނާލްޑޯއަށް ބައެއް މުހިއްމު މެޗުތައް ގެއްލިފައިވުމާއެކު އޭނާއަށް އަދި ސީޒަނުގައި ކުޅެވުނީވެސް އެންމެ ހަ މެޗެވެ.

ރޭގެ މެޗަށްފަހު ރޮނާލްޑޯއަށް ތައުރީފުކުރަމުން ޕިރްލޯ ބުނީ ރޮނާލްޑޯއަކީ ޕްރޮފެޝަނަލް އެތުލީޓެއް ކަމަށާއި ރޮނާލްޑޯއަކީ އުފެދުމުގައިވެސް ޗެމްޕިއަނެއް ކަމަށެވެ.

"ރޮނާލްޑޯއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އުފެދުމުގައިވެސް ޗެމްޕިއަނެއް. ރޮނާލްޑޯ އެހެން ހުރިހާ ކުޅުންތެރިންނަށް ދަނޑުމަތީގެ އިތުރުން ފަރިތަކުރުންތަކުގައި ވެސް ނަމޫނާ ދައްކާ. އަހަންނަށް ރޮނާލްޑޯއަށް ދޭން އޮތް ހަމައެކަނި ނަސޭހަތަކީވެސް މިހާރު އެ ހުރި ގޮތަށް ކުރިއަށްދިއުމަށް،" ޕިރްލޯ ބުނެފައިވެއެވެ.

ރޭގެ މެޗު ޑޮމިނޭޓްކޮށް، ޔުވެންޓަސްއިން ވަރުގަދަ ކުޅުމެއް ދައްކާފައިވެއެވެ. އެންމެފަހުން ސެރެއާ ޗެމްޕިއަނުން ކަމަށްވާ ޔުވެންޓަސްއިން އެންމެފަހުން ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ.

މިސީޒަނަށް ފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނެ ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެތުރުނު ނަމަވެސް، ކްލަބުން ވަނީ އެކަން ދޮގުކޮށްފައެވެ. ކްލަބުން ބުނެފައިވަނީ ރޮނާލްޑޯ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ރޮނާލްޑޯ ޔުވެންޓަސްގައި އަދި ދުވަސްތަކެއް ހޭދަކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.