އޭއެފްސީ ކަޕުން އެންމެ މަގުބޫލު ގޯލް ހޮވުމަށް ކުރިއަށް ގެންދާ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށް ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފި އެވެ.

ސެމީ ފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާން ޖަހާފައިވާ ގޯލަކާއެވެ. ޕޯލް ފެށިގެން ނިމެންދެން ދިވެހި ސަޕޯޓަރުން ދިޔައީ ފޫހިކަމެއް ނެތި، ދަގަނޑޭއަށް ވޯޓު އަޅަމުންނެވެ. އެތައް ވަގުތެއް އެކަމަށް ހޭދަކޮށް، ދިވެހީން ވަނީ މިފަހަރު ވެސް އާބާދީ ބޮޑު ވިއެޓްނާމްގެ އެތައް ބައެއްގެ ވޯޓު ފަހަތަށް ޖައްސަލައިފަ އެވެ. ނަތީޖާއިން އެކަން ސާފެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން 54.68 ޕަސެންޓް ވޯޓު ދަގަނޑޭއަށް ލިބިފައިވެ އެވެ. އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިޔާއަށް ލިބިފައިވަނީ 45.32 ޕަސެންޓް ވޯޓެވެ.

ބްރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ދަގަނޑޭ ވާދަކުރީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާއާ ދެކޮޅަށެވެ. ގުއެން ވެންކުއާއާ ދެކޮޅަށް ދަގަނޑޭ ވާދަކުރި ވޯޓު ފެށިގެން ގިނަ އިރުތަކެއްވީއިރު ވެސް ދަގަނޑޭ އޮތީ ބޮޑުތަނުން ފަހަތުގަ އެވެ. 10 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ބޮޑު ފަރަގެއްގައި ފުރަތަމަ ދުވަހު ހަވީރާ ޖެހެންދެން ވެސް ވޯޓުގެ ނަތީޖާ އޮތްއިރު، އެ މަންޒަރު ބަލަން ތިބެން ދިވެހީންނަށް ކެތެއް ނުވި އެވެ.

އެ ހިސާބުން އަޅަން ފެށި ވޯޓާއެކު ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ތެރޭގައި ދިވެހީން އެ ނަތީޖާ އަނބުރާލި އެވެ. މިއަދު މެންދުރު 1:00 އާ ހަމައަށް ކައިރި ކައިރިން ވޯޓު ދިޔައިރު، ރާއްޖޭގެ މީސްމީޑިއާ ޕޭޖުތަކުންނާއި ހަބަރުތަކުން އަދި އާންމުން ދެއްކި ހިތްވަރު ފާހަގަވެގެން ދިޔަ އެވެ. ގައުމު އެކުވެގެން ދިޔައީ ދަގަނޑޭ އަށެވެ. އެ ވޯޓާއި ލޯތްބަށް ދަގަނޑޭ ވަނީ ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައި ވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ފައިނަލްގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ހޮންގް ކޮންގްގެ ސައުތް ޗައިނާ ކުލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީއާ ދެކޮޅަށެވެ.