ކަސްރަތު ކުރަން ނުކުމެ އުޅުއްވަނިކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފަށް މީހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
އަފްޝަން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖިންސީ ފުރައްސާރަ ކުރިމަތިވީ ސިނަމާލެ ބްރިޖު މަތީގައި ދުވަން އުޅުއްވަނިކޮށް ކަމަށާއި އޭނާއަށް ޖިންސީ ފުރައްސާރަ ކުރި މީހާ، އިތުރު ބަޔަކަށް ވެސް ފުރައްސާރަ ކުރި ކަމަށެވެ. އަދި ފުލުހުންނާއި ދުވަން ނުކުޅެ އުޅުނު އިތުރު ބަޔަކު ވެގެން އެމީހާ އަތުލައިގެންފައިވާ ކަަމަށް ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ، އާންމު ތަންތަނަކީ އަންހެނުންނަށް ރައްކާތެރި ތަންތަނަށް ހަދަންޖެހޭ ކަމަށާއި އަދި އެކަމުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ ކަސްރަތު ކުރަން ނުކުމެ އުޅުނު ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޭ 23:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައިވާ ކަމަށެވެ. ހައްޔަރުކުރީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު