ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އީޖާދީ ހިޔާލު ހުށައަޅައިގެން ވަނަތަކަށް އަންނަ ފަރާތްތަކަށް ވަކި މުއްދަތެއް ވަންދެން ކުލި ދައްކަން ނުޖެހޭ ގޮތަށް "ހިޔާ" ފްލެޓް ބަރިން ވިޔަފާރި ޔުނިޓްތަކެއް ލިބޭ މުބާރާތެއް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިފްތިތާހު ކޮށްފި އެވެ.
"އީޖާދީ މަންސަ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
ގޭގައި ކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މުޖުތަމައަށް ފައިދާ ކުރުވަނިވި، އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ފަސް ކެޓަގަރީއަކުން ވަނީ ހުޅުވާލައިފަ އެވެ. އެ ކެޓަގަރީތަކަކީ ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ހިދުމަތް އެވެ.
މި މުބާރާތުން ކޮންމެ ކެޓަގަރީއަކުން އެއް ވަނަ އަދި ދެ ވަނަ ހޮވާނެ އެވެ. އަދި ކެޓަގަރީތަކުން އެއް ވަނައަށް ހޮވޭ ފަރާތްތަކަށް އެއްވެސް ކުއްޔަކާ ނުލައި އެއް އަހަރު އަދި ދެ ވަނައަށް ހޮވޭ ފަރާތްތަކަށް އެއްވެސް ކުއްޔަކާ ނުލައި ހަ މަސް ދުވަހަށް ހިޔާ ފްލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓެއް ހަވާލު ކުރާނެ އެވެ.
މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި މި މުބާރާތުގެ ގައިޑްލައިން ވަނީ އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.
އެޗްޑީސީން ބުނީ މި ފުރުސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ލިބިގެންދާނެ ރަނުގެ ފުރުސަތެއްގެ އިތުރުން މުޖުތަމައުގެ ގިނަ އަފުރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.
އޭގެ އިތުރުން ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، އާންމު އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަގުސަދު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު