ސްޕެނިޝް ލަލީގާ

ވިލަރެއާލްއާ އެއްވަރުވެ، ރެއާލުން ފުރުސަތު ނަގާލައިފި

ސްޕެނިޝް ލަލީގާގައި ވިލަރެއާލްއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރަށުން ބޭރުގައި ރެއާލުން ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، މިރޭގެ މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދާ ޕޮއިންޓެއް ގާތަށް ޖެހިލުމަށް ރެއާލަށް ފުރުސަތު އޮތެވެ. އެހެންނަމަވެސް މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ރެއާލް އަދިވެސް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ ނުވަ މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗުގައި ރެއާލްއާ ދެކޮޅަށް ނުކުތް ވިލަރެއާލުން 10 މެޗުން ހޯދި 19 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި ސޮސިއެދާދު އޮތީ ނުވަ މެޗުން 20 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗު ފެށިގެން ދެ މިނެޓުގެ ތެރޭގައި މަރިއާނޯ ޖެހި ގޯލާއެކު ރެއާލުން ލީޑު ނެގިއެވެ. ރަނގަޅު ފެށުމަކާއެކު ރެއާލްއަށް އުންމީދު ބޮޑުވި ނަމަވެސް، އިތުރު ގޯލެއް ޖަހައި ނަތީޖާ ފުޅާކުރުމަށް ރެއާލުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. މެޗުގެ ފަހުކޮޅަށް ދިޔައިރު، ރެއާލުން ވަރުބަލިކަންވެސް ފެނިގެން ގޮސްފައިވެއެވެ.

ރެއާލްގެ ފަރާތުން މެޗުގައި ފެނުނު ވަރުބަލިކަމުގެ ފައިދާ ނަގައި، ވިލަރެއާލުން މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ކުޅުން ރަނގަޅުކުރިއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ރެއާލްގެ އޭރިއާ ތެރެއިން ސަމިއުލް ޗުކުއޭޒާއަށް ކުރި ފައުލަށް ލިބުނު ޕެނެލްޓީގައި ނަތީޖާ ހަމަހަމަކޮށްދިނީ ސްޕެއިން ގައުމީ ޓީމުގެ ފޯވަޑް ޖެރާޑް މޮރޭނޯއެވެ.

މި ސީޒަނުގެ ލީގުގައި މޮރޭނޯ ޖެހި ފަސްވަނަ ގޯލާއެކު ވިލަރެއާލުން އެއްވަރުކޮށް، މެޗުގެ ފަހު ވަގުތައި މޮޅުވާންވެސް ފުރުސަތު ހޯދިއެވެ. މޮރޭނޯއަށް ލިބުނު ފަހި ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ރެއާލުގެ ޑިފެންޑަރު ރަފެއަލް ވަރާންގެ ފައިގައި ޖެހި ބްލޮކް ވެގެން ދިޔަ އިރު، މެޗުން މޮޅުވެ، ވިލަރެއާލްއަށް ތަވާލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ.

ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އިތުރުން އާންމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ކަރިމް ބެންޒެމާއާއި ކަސަމޭރޯވެސް މިރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ. ރާމޯސްއަށް އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް ގެއްލޭނެ ކަމަށް ބެލެވޭ އިރު، ކޮވިޑް 19 ޖެހުމުން އިންޓަނޭޝަނަލް ބްރޭކްގައި ނުކުޅެ ހުރި، ބެލްޖިއަމްގެ އެޑެން ހަޒާޑް، ކޮވިޑުން ރަނގަޅުވެ މިރޭގެ މެޗު ފަށާފައިވެއެވެ.