އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް ބަލިކޮށް، ޗެލްސީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ޗެލްސީން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ޗެލްސީން ކުޅުނު ފަސް މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، މިހާތަނަށް ސީޒަނުގައި ކުޅުނު 14 މެޗުން އެޓީމު ވަނީ 35 ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ޗެލްސީން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ނިންމާލީ ކްލީން ޝީޓާއެކުގައެވެ.

ޖުލައި 2019 ވަނަ އަހަރު ޗެލްސީއާ ފްރޭންކް ލެމްޕާޑު ހަވާލުވި ފަހުން، މިއީ އެޓީމުން ލީގުގެ އެއްވަނައަށް ޖެހިލި ފުރަތަމަ ފަހަރެވެ. ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެން ޗެލްސީ ތާވާލުގެ އެއްވަނައިގައި އޮތް އިރު، އަށް މެޗު ކުޅެގެން ލެސްޓާއަށް ވެސް ވަނީ 18 ޕޮއިންޓް ލިބިފައެވެ. އެޓީމު ތާވަލުގެ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލެސްޓާއިން މި ހަފުތާގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

ތިންވަނައިގައި އޮތް ޓޮޓެންހަމްއާއި ހަތަރުވަނައިގައި އޮތް ލިވަޕޫލުން އަށް މެޗު ކުޅެ، 17 ޕޮއިންޓް ހޯދާފައިވާ އިރު، އޭގެން ކޮންމެ ޓީމެއް މި ހަފުތާ ކުޅޭ މެޗުން މޮޅުވި ނަމަވެސް، ތާވަލުގެ އެއްވަނައަށް ޖެހިލާނެއެވެ. ޓޮޓެންހަމްއިން މިރޭ ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައި ޗެލްސީން ހަމަލާތައް އުފައްދަން ފެށިއެވެ. ޓީމޯ ވާނާގެ ހަމަލާގެ އިތުރުން ޓެމީ އަބްރަހަމް ބޮލުން ފޮނުވާލި ބާރު ހަމަލާ ނިއުކާސަލްގެ ގޯލްކީޕަރު ކާލް ޑާލޯ ވަނީ ދިފާއުކޮށްފައެވެ. ޑާލޯގެ ސޭވްތަކެއްގެ ސަބަބުން ދެވަނަ ހާފުގައި ޗެލްސީއަށް ލީޑު ފުޅާ ނުކުރެވު ނަމަވެސް، އެޓީމުން ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި މޭސަން މައުންޓް އަރިމަތިން ނަގައިދިން ހުރަސް، ނިއުކާސަލް ގޯލަށް ވަނީ ފެޑަރީކޯ ފެނާންޑޭޒް ފައިގައި ޖެހި، ބައިކޮޅަށެވެ.

ޗެލްސީއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ފުރުސަތުތައް ލިބި ބޭކާރު ވެގެން ދިޔަތަން ފެނުނެވެ. ވާނާއަށް ލިބުނު ހުސް ދެ ފުރުސަތެއް އޭނާ ނަގާލި އިރު، ނިއުކާސަލްއިން ކައުންޓާ އެޓޭކްގައި ދެ ހަމަލާއެއް އުފައްދާފައިވެއެވެ. އަރިމަތިން އަލްމެރޯން ޖެހި ބޯޅަ ގޯލްކީޕަރު މެންޑީ މަތަކޮށް ބޭރުކޮށްލި އިރު، ހޭޑަންއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ މަތިންނެވެ.

ޗެލްސީގެ ވާނާއަށް ލިބުނު ހުސް ފުރުސަތުތައް ނަގާލި ނަމަވެސް، ދެވަނަ ގޯލަށް އޭނާގެ ދައުރު ބޮޑެވެ. ސެންޓާ ސާކަލް ކައިރިން ކުރިއަށް ގޮސް، ނިއުކާސަލްގެ ދެ ޑިފެންޑަރުން ނައްޓާލާފައި ވާނާ ހުސްކޮށް ދިން ބޯޅަ ގޯލަށް ވައްދާލާ ލީޑު ފުޅާކޮށްދިނީ ޓެމީ އަބްރަހަމްއެވެ.

މިއަދުގެ މެޗަކީ އިންޓަނޭޝަނަލް ބްރޭކަަށްފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅުނު މެޗުގައި ކުޅުމަށްފަހު ދިގު ދަތުރެއް ކޮށްފައި އިނގިރޭސިވިލާތަށް އައި ޑިފެންޑަރު ތިއާގޯ ސިލްވާއަށް ލެމްޕާޑް ވަނީ ރެސްޓް ދީފައެވެ. ކްރިސްޓިއަން ޕުލިސިޗް އަނިޔާގައި ހުރުމުން މެޗުގައި އޭނާވެސް ފެނިފައި ނުވާ އިރު، ކޮވިޑް 19 ޖެހި، ރަނގަޅުވެފައިވާ ކައި ހަވާޓްސް ވެސް މެޗުގައި ފެނިފައެއް ނުވެއެވެ.