ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް އިނގިލި ދިއްކުރައްވަނީ ރައީސް ސޯލިހު އަމިއްލަފުޅަށް ފެއިލްވެވަޑައިގެންފައިވާކަން ފޮރުވުމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު، ހއ. ހޯރަފުށި އެއާޕޯޓް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ކަމަށާއި ވެރިކަމުން ފައިބާވަޑައިގެންނެވީ އެރަށްތައް ވިއްކާފައި ލިބުނު ފައިސާކޮޅުވެސް ހިފައިގެން ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަންޏަކީ 26 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނު ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން،" ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ކޮންމެ ދިމާލަކުން ނާގާބިލުކަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގައި ވެސް ހުޅު ރޯވެފައި. އަސްލު ވެރިމީހާ ހުންނެވީ މަޖިލީހުގައި. މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ،" ޖަމީލު ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ، ދައުލަތުގެ ފައިސާގައި ރައީސް ސޯލިހު ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.
"އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ. ޓެކްސް/ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ކޮރަޕްޝަން ހިންގަވަނީ،" ޑރ. ޖަމީލު ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު