ލިއޮނެލް މެސީ

ބޭނުންވަނީ މެސީ، ބާސާގައި ކެރިއަރު ނިންމައިލަން: ގާޑިއޯލާ

އާޖެންޓީނާގެ ތަރި، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ބާސާގެ ކުޅުންތެރިއެއް ކަމަށާއި ދެކެން ބޭނުންވަނީ މެސީގެ ކެރިއަރު ބާސާގައި ނިންމައިލާ ތަން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާއަކީ މެސީއާއެކު ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ކޯޗެކެވެ. މެސީގެ ޕީކުގައި ގާޑިއޯލާއާއެކު ބާސާއިން ވަނީ ދުނިޔޭގެ ފުޓުބޯޅަ ޑޮމިނޭޓް ކޮށްފައެވެ. އޭރު އެ ކްލަބުން ވަނީ އެތައް ކާމިޔާބީތަކެއް ހޯދައި، ޓިކި ޓަކަ ފުޓުބޯޅައާއެކު އެތައް ބަޔަކު ހައިރާން ކޮށްލައިފައެވެ. މެސީއާއި ބާސާއާ ދެމެދު މައްސަލަތަކެއް ޖެހި، ރަސްމީކޮށް ކްލަބު ދޫކޮށްލަން މެސީ ވަނީ އެދިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މި ސީޒަނަށްފަހު މެސީ ދިޔުން އެންމެ ގާތީ ސިޓީއަށެވެ.

"މެސީއަކީ ބާސާ ކުޅުންތެރިއެކޭ އެތައް ފަހަރަކު ބުނެވިއްޖެ. މެސީގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން މެސީ ބާސާގައި ކެރިއަރު ނިންމައިލުމަކީ ދެކެން ބޭނުންވާ މަންޒަރު،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ބާސާއާއި މެސީއާ ދެމެދު ވަނީ ހާއްސަ ގުޅުމެއް ކަމަށާއި މި ސީޒަނަށްފަހު ކޮންޓްރެކްޓް ހަމަވި ނަމަވެސް މެސީ ބާސާ ދޫކޮށްލާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ބާސާއަށް އަބަދުވެސް އަހަރެން ޝުކުރުވެރި ވާނަން. ބާސާއިން ކުޅުންތެރިއެއްގެ ގޮތުގައާއި، ކޯޗެއްގެ ގޮތުގައި އަހަންނަށް ކުރިއަރަން ފުރުސަތު ދިން. އެއީ އަހަންނަށް ބާސާއަށް އިހުތިރާމް ކުރެވޭ ސަބަބު. މިހާރު މެސީއަކީ ބާސާ ކުޅުންތެރިއެއް. ޖޫންއާއި ޖުލައިގައި މި އަންނަނީ ޓްރާންސްފާ ސީޒަން،" 2008 ވަނަ އަހަރުން 2012 ވަނަ އަހަރަށް ބާސާގައި މެސީއަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނެފައިވެއެވެ.

މެންޗެސްޓާ ސިޓީގެ އިތުރުން މެސީ ގެންދަން މަސައްކަތް ކުރާ އަނެއް ކްލަބަކީ ޕީއެސްޖީއެވެ. ސިޓީއާއި ޕީއެސްޖީއަކީ މިވަގުތު މެސީގެ މުސާރަ ދެވޭނެ މަދު ކްލަބުތަކުގެ ތެރެއިން ދެ ކްލަބުވެސް މެއެވެ.